ސިޔާސީ

ޓެރަރިޒަމްގެ ނަމުގައި މަސައްކަތް ކުރަނީ ދީނީ އިލްމުވެރިން ކުށްވެރިކުރަން: ރައީސް ޔާމީން

ފަތޯނާ ފާއިޒު

1

ސަރުކާރުން ޓެރަރިޒަމްގެ ނަމުގައި މަސައްކަތް ކުރަމުންދަނީ ދީނީ އިލްމުވެރިން ކުށްވެރިކޮށް ގޭގެއަށް ވަދެ އެމީހުން ހައްޔަރު ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި "ދަވާލައިފި" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިން މަގުމައްޗަށް ނުކުންނައިރަށް، އަސްކަރިއްޔާއިން ރައްޔިތުންނާ ދެކޮޅަށް ނުކުމެފައިވާ ކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ބުނަމުން ދިޔަ ކަމަށެވެ.

"މިއަދު އެބޭފުޅުން އެކުރަނީ ކީއްތޯ؟ މިއަދު އެބޭފުޅުން އެތިބީ ވެރިކަމުގައި ދެއްތޯ؟،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ހެދިފައި އޮތީ އެއްވެސް ކުށެއް ނެތް މައުސޫމު ރައްޔިތުންވެސް ހައްޔަރު ކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފަސޭހަ ކަމަކީ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ގާނޫނުގައި އޮންނަ އެންމެ ހަމަނުޖެހޭ އެއް ކަމަކީ ފުލުހުން ނެރޭ އިންޓެލިޖެންސް ރިޕޯޓަކަށް ބެލުމަށްފަހު، ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ޝަރީއަތުގެ މަޖިލީހުގައި ބަންދުގެ މުއްދަތު ޖެހުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ނަމުގައި ކުރަމުންދާ ކަންތައްތަކުގެ ސަބަބުން ފަހުން ގެއްލުން ވާނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އިންސާފު ގެނައުމުގެ ވާހަކަ ދައްކާ އިރު، އެންމެ ބޮޑެތި މައްސަލަތަކުގައި ކުށްވެރިވާ މީހުން ތިބީ ދޫވެފައި ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް ރައީސް ޔާމީން ފާޑު ވިދާޅުވެފައިވާ އިިރު، އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ބޮޑެތި އިސްލާހުތަކެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތުވުމުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. އަދި ޓެރަރިޒަމްގެ ކުށްތައް އިތުރު ކުރަން ވެސް ވަނީ ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟