ސިޔާސީ

ދީނީ ހަރުކަށިކަމޭ ކިޔައިގެން ސަރުކާރުން އުޅެނީ ސެކިއުލަރ ފިކުރަށް ޖާގަ ދޭން: ޕީޕީއެމް/ޕީއެންސީ

ފަތޯނާ ފާއިޒު

1

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަކީ "ސެކިއުލަރ" ފިކުރަށް ޖާގަ ދޭން ހުށަހެޅި އިސްލާހެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ގުރުބާނީން ގެނެވެނު އެންމެ މުހިންމު ބަދަލަކީ ރައްޔިތުންގެ އަސާސީ އެންމެހާ ހައްގުތަކެއް ކަށަވަރު ކުރެވިގެންދާނެ ގޮތަށް އެކުލަވާލާފައިވާ ޒަމާނީ ގާނޫނު އަސާސީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، އިސްލާމްދީނުގެ އެއްވެސް އަސްލަކާ ހިލާފު ނުވާ ގޮތަށް ހިޔާލުފާޅު ކުރުމުގެ ހައްގާއި ކުށެއްގެ ތުހުމަތު ކުރެވުމުން އެމީހަކަށް ލިބިދޭ އިންސާނީ ހައްގުތައް އެންމެ އަސާސީ ހައްގުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން އެހެން ބުނެފައިވާ އިރު، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން، އެހެން ގާނޫނުތަކުގައި ކޯޓު އަމުރެއް ހޯދައިގެން މީހުން ހައްޔަރު ކުރަން އޮތަސް، ބިލުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭ މީހަކު އުޅޭކަން ބުއްދިއަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ނުވަތަ ހެކި ނައްތާލައިފާނެ ކަމަށް ތުހުމަތުކުރެވޭ މީހާ، ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވިދާނެއެވެ.

ޕީޕީއެމް އަދި ޕީއެންސީން ބުނީ އެފަދަ އިސްލާހެއް ގެނައުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކުރިއަރާފައިވާ ތަހުޒީބީ މުޖްތަމައުތަކުގައި ކަންކަން ކުރަމުން އަންނަ އުސޫލުތަކާ ހިލާފު ޖަރީމާއެއް ކަމަށެވެ.

"މި ގާނޫނަށް ހުށަހެޅޭ އިސްލާހުތައް ބޮޑަށް އަމާޒުވަނީ 'ދީނީ ހަރުކަށި ކަމޭ' ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑުމަޑުކޮށް، އެފަދަ ދަރުސްތައް ދޭ ފަރާތްތައް ހިފައި ހައްޔަރު ކުރުމަށާއި ސެކިއުލަރ ވިސްނުމަށް ޖާގަ ދިނުމަށެވެ..،" ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް އެ ކޯލިޝަނުން ތެދުވާނެ ކަމަށެވެ. އަދި އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟