ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހީމް އަކީ އޭނާ ރަސްމީ ގޮތުން މަގާމުގެ ޒިންމާތައް އަދާކުރެއްވި އިރު ވެސް ގާނޫނު އަސާސީ އާއި ގާނޫނުގައި އޮތް ގޮތަށް އެކަން ކުރެއްވުނު ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލަތީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ މިހާލަތަށް ވެއްޓުމުގައި ގޮނޑީގެ މައްސަލަ ދިމާވި 12 މެންބަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށް ވިދާޅުވެ ނިޔާޒް އޭނާގެ ފޭސްބުކް ގައި ލިޔުއްވި ޕޯސްޓަކާ ހިސާބުން ފެށުނު ބަހުގެ ހަމަލާތައް ވަނީ ހޫނުވެފަ އެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ލަތީފު ވިދާޅުވީ ނިޔާޒް އޮޑިޓަ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިރު އޭނާ ހައްދަވާ އޮޑިޓު ތަކުގެ މައުލޫމާތު ރައީސް ޔާމީނާ ހިއްސާކުރައްވަމުން ގެންދެވި ކަމަށް ނިޔާޒް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ.
"މީޑިއާގަ ވިދާޅުވެފަ އެއޮތީ ތިމަންނާ އަދީބުގެ އޮޑިޓު މައްސަލައިގަ ވެސް އެކަން ކުރަން އުޅުނު އިރު ރައީސް ޔާމީނާ މަޝްވަރާކުރެއްވި ކަމަށް. އެއީ ގާނޫނު އަސާސީއާ ގާނޫނު ތަކަށް ބަލާ އިރު އެބޭފުޅާ ކުރައްވައިގެން ވާނެ ކަމެއް ނޫން. އެހެންވީމަ މިހާރު ކޮން ވާހަކައެއް މިދައްކަވަނީ؟ ޒިންމާ އަދާކުރެއްވި އިރު ވެސް ގާނޫނާ އެއްގޮތަށް ކަންކަން ނުކުރެއްވިފަ އޮތީ." ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ މިހާރު ނިޔާޒް މި ފަދަ ގަދަ ބަސްތައް އެވިދާޅުވަނީ ކުރިމަތިލައްވައިގެން އުޅުއްވާ ކަމެއް ކާމިޔާބުކުރައްވަން ސަޕޯޓު ހޯއްދެވުމުގެ ގޮތުން ކަމަށާއި އެކަން ކުރައްވަން ބޭނުންފުޅު ވިޔަސް އެހެން ބަޔަކު ކަތިލައްވަން ނޫނީ އެހެން ބައެއްގެ އަގު ވައްޓަވައިލައްވަން ނުޖެހޭ ކަމަށެވެ.
ނިޔާޒް އިބްރާހީމް ދާދި ފަހުން ވަނީ އެމަނިކުފާނު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.