ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ހަފުތާ ރެސް"ގެ ހަރަކާތް މި ހަފުތާ ބަންދުގައި ލ. ގަމުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ހަރަކާތް އޮންނާނީ މިއަންނަ ހުކުރު ދުވަހު، ލ. ގަން ތުނޑި ސަރަހައްދުގައި ކަމުގައެވެ. އެގޮތުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހުގެ 16:00 އިން 18:00 އަށް، އަދި 20:00 އިން 22:00އަށް ކަމަށްވެސް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.
''ހަފުތާ ރެސް'' އަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނިގެން ކޮންމެ ހަފުތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖައްސާފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވާ މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި އަންހެނުންނާއި އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.