މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން ތަންތަނާއި މީހުން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
އޮޕަރޭޝަނާ ގުޅިގެން ފުލުހުން މީޑިއާއަށް ބުނީ، އެ އޮޕަރޭޝަަަނަކީ ރިޔާސީ ކޮމިޝަނުން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި މީހުން ބަލާ ފާސް ކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ތަންތަން ބަލައި ފާސްކުރަމުން ދަނީ މަރުތައްބަލާ ކޮމިޝަންގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތަކުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، މާލެ އާއި އައްޑޫ ސިޓީގައި ހިންގާ އެ އޮޕަރޭޝަނާ ގުޅިގެން އެ ސިޓީތަކުގެ އާންމު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އޮޕަރޭޝަނަށް އެހީތެރިވުމަށް މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާނަމަ، 3322111 ނުވަތަ 119 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓާއި ސްޕެޝަލިސްޓް އޮޕޕަރޭޝަން ޑިޕާޓްމެންޓާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން ދަނީ ބައިވެރިވަމުންނެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ އެދުމަކަށް ގެތަކާއި މީހުން ބެލުމުގެ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށާފައިވާއިރު، ރަހީނުކޮށްގެން ގެންގޮސް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލާގައި މަރުތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން މިހާރު ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މީގެ ދެ ދުވަސް ކުރިން އެކަމާ ގުޅުންހުރި އިދާރާތަކާއެކު ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލާއި ފުލުހުންނާއި ސިފައިންގެ އިތުރުން ރިޔާސީ ކޮމިޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި މަރުގެ ތަހުގީގީ ރިޕޯޓާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތައް މިއަދުން މިއަދަށް ފެންނާނެ ކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވިއެވެ.