"ޑަންކެން ހައިންސް" ބްރޭންޑުގެ ބައެއް ބެޗުތަކުގެ ކޭކް މިކްސްތައް ޑިސްޓްރިބިއުޓްކޮށް މަނާކޮށް ބާޒާރުން ނެގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފަވާގޮތުގައި ވިއްކުން މަނާކޮށްފައި ވަނީ "ސަލްމޮނެލާ" ޖަރާސީމު އެ ކޭކު ތަކުގައި ހިމެނޭ ކަމަށް ބުނެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ކަމަށެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އަދި ކޮމިއުނިކެބަލް ޑިސީޒް ކޮންޓްރޯލް އިން ބުނެފައިވަނީ ޑަންކެން ހައިންސްގެ ބައެއް ކޭކް މިކްސް ބެޗް ތަކުގައި ސެލްމޮނެލާ ހިމެނޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އެމްއެފްޑީއޭއިން ވަނީ ޑަންކެން ހައިންސްގެ ހަތަރު ވައްތަރެއްގެ ކޭކްމިކްސްގެ ޑިސްޓްރިބިއުޝަން މަނާކޮށްފައެވެ. އެއީ "ކްލެސިކް ވައިޓް" އާއި "ކްލެސިކް ޔެލޯ ކޭކް" އާއި "ބަޓަރ ގޯލްޑެން ކޭކް" އަދި "ސިގްނޭޗާ ކޮންފެޓީ ކޭކް" މިކްސްގެ ބައެއް ބެޗުތަކެވެ.
އެ އޮތޯރިޓީއިން ބުނީ މިހާރު އެ ތަކެތި ބާޒާރުން ނެގުމަށް އަންގާފައިވާ ކަމަށާއި އެ ތަކެތި ވިއްކާނަމަ އެމްއެފްޑީއަށް އެންގުމަށެވެ.