ސިޔާސީ

މި ސަރުކާރަށް "ޑީ" ރިޕޯޓެއް ދޭނެ މީހަކުވެސް މަދުވާނެ: ސައީދު

ފަތޯނާ ފާއިޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް "ޑީ" ރިޕޯޓެއް ދޭނެ ރައްޔިތަކު ވެސް މަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ސިޔާސީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ މި ސަރުކާރު އޮތީ ވަަރަށް ބޮޑަށް ފެއިލްވެފައި ކަމަށެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތަށް "ބީ ޕްލަސް"އެއް ދެއްވާފައިވާތީ އެކަމާ ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގްރޭޑެއް ދެވޭނީ ސަރުކާރަށް ގްރޭޑެއް ދެވިގެން ކަމަށެވެ.

"ސަރުކާރަށް މާކްސް ދެންޏާ ކޮންކަހަލަ ރޭޓެއްތޯ ދެއްވާނީ؟ މިއަދު މަދުވާނެ ކަންނޭގެ މި ސަރުކާރަށް ޑީ ރިޕޯޓެއްވެސް ދޭ، އިނގޭތޯ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާ ކަމަށާއި ހުރިހާ ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަމަށެވެ.

އަދު މިވަގުތު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މި ސަރުކާރުން މަޝްރޫއެއް ފަށާފައި ނުވާކަމުގެ ޝަކުވާއާއި ކުރީގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ނުގެންދާކަމުގެ ޝަކުވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވުޒާރާތަކުގެ އެކި ފަންތީގެ ބޭފުޅުން ގެނެސްގެން ސުވާލުތައް ކުރުން ގިނަވެގެން، އެކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމަށް ދަތިވާ ކަމަށް ސަރުކާރުގެ އެކި ބޭފުޅުން ވިދާޅުވާ އިރު، އެހެން އެކަން ވާ ސަބަބާމެދު ވިސްނާލަންޖެހެއެވެ. އެގޮތުން، ވަޒީރުން މަޖިލީހަށް ހާޒިރު ކުރަން ޖެހެނީ ކަންކަން ސްޕީޑުގައި ނުހިނގާތީ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

"އެއީ ރައްޔިތުންގެ ކަންބޮޑުވުންތައް، މަޖިލީހުގެ މެމްބަރުންނަށް ކެނޑިނޭޅި ލިބެމުންދާތީ." ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގެ ސްޕީޑުވެސް ދަށް ކަމަށް މި ސަރުކާރުގެ އިސް ފަރާތްތަކުން ވިދާޅުވާ އިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ ވާހަކަ ދެއްކޭ ވަރަށް މި ސަރުކާރު އަދި "ކޮލިފައި"ނުވާ ކަމަށެވެ.