އަލީ އަޝްފާގު (ދަގަނޑޭ) އަށް ހެދުނު ގޯހަށް އޭނާ މައާފަށް އެދުނު ކަމަށާއި ރާއްޖެއަށް އޭނާގެ އެހީތެރިކަން ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.
ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ދައުރު އަދާކުރި ދަގަނޑޭއަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޮޑުން ވަކި ކުރި ފަހުން ދަގަނޑޭއަށް ގައުމީ ކޯޗު ޕީޓާ ސެގާޓް، ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ. އެފަހަރު ދަގަނޑޭ ސްކޮޑުން ވަކި ކޮށްފައިވަނީ އޭއެފްސީ ކަޕްގައި މިދިޔަ އަހަރުގެ މާޗް މަހު ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވި މައްސަލައާ ގުޅިގެންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެގާޓް ބުނީ ގުއާމްއާ ދެކޮޅަށް ކުޅެ 1-0ގެ ނަތީޖާއަކުން ރާއްޖެ މޮޅުވި މެޗަށް ފަހު ދަގަނޑޭ ގުޅައި، ކުރިން އޭނާއަށް ހެދިފައިވާ ކުށަށް މައާފަށް އެދުނު ކަމަށެވެ.
"ގުއާމް މެޗަށްފަހު މަރުހަބާ ކިޔުމަށް ދަގަނޑޭ އަހަރެންނަށް ގުޅި. އަދި އޭނާއަށް ކުރިން ހެދުނު ގޯހަށް މައާފަށް އެދުނު. ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެ. އެންމެންނަށް ވެސް ކުށް ކުރެވޭނެ. އަހަރެމެން އޭނާ ބޭނުންވޭ. އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް،" ކޯޗު ބުންޏެވެ.
ސެގާޓް ބުނީ މާދަމާގެ މެޗުގައި ދަގަނޑޭ ކުޅޭނެ ކަމެއް ނުވަތަ ކުޅެވޭނެ ކަމެއް އަދި ނޭނގޭ ކަމަށާއި އޭނާއަށް ޕްރެޝަރު ނުކުރުމަށް އެދޭ ކަމަށެވެ. އަދި ދަގަނޑޭއަކީ ރާއްޖޭގެ ސްކޮޑުގައި ހިމެނޭ އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާކަން ވެސް ކޯޗު ފާހަގަކުރިއެވެ.
"މިހާރު އޭނާއަށް 34 އަހަރު. އޭނާއަކީ މި ހުރިހާ ކުޅުންތެރިންނަށް ވުރެ އުމުރުން ދޮށީ ކުޅުންތެރިއެއް. އޭނާއަކީ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ. އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާ. ފާއިތުވެދިޔަ ދިހަ އަހަރު ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ،" ކޯޗު ބުންޏެވެ.
ސެގާޓް އިތުރަށް ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި ދަގަނޑޭއާ ނުލައި ވެސް މެޗުތަކެއް ކާމިޔާބުކުރެވުނު ކަމަށާއި އެންމެ ފަހުން ދަގަނޑޭ ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ 2017ގެ ނޮވެމްބަރު މަހު ކަމަށްވުމާއެކު އޭނާއަށް ވަގުތު ދޭން ޖެހޭ ކަމަށެވެ
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:00 ގައެވެ.