އެކާވީސްވަނަ ގަރުނު އެންމެ ގިނަ ހެޓްރިކް ފުރިހަމަކުރި ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެއެވެ.
ރާއްޖޭގެ ތާރީހު ދުށް އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ އަޝްފާގަކީ ދެކުނު އޭޝިއާ ފުޓުބޯޅައިގައިވެސް ފެނުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމަށްވެސް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައެވެ. ގައުމީ ޓީމަށް 98 މެޗު ކުޅެ، 58 ގޯލު ޖަހައިދީފައިވާ އަޝްފާގު ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ޖުމުލަ 35 ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެއީ 21 ވަނަ ގަރުނުގައި ތިންވަނައަކަށް އެންމެ ގިނައިން ހެޓްރިކް ފުރިހަމަކުރި ކުޅުންތެރިޔާއެވެ.
ދަގަނޑޭ ގައުމީ ޓީމަށް ފަސް ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، ބައިނަލްއަގުވާމީ ކްލަބު މުބާރާތްތަކުގައި ދަގަނޑޭ ވަނީ ތިން ހެޓްރިކް ހަދައިފައެވެ. ގައުމީ ލީގުގައި ދަގަނޑޭ 21 ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، ގައުމީ ކަޕްތަކުގައި އޭނާ ވަނީ ހަ ހެޓްރިކެއް ހަދައިފައެވެ.
އެ ލިސްޓުގެ އެއްވަނައިގައި އޮތީ ރޭ ސައުދީ އަރަބިއާގެ އަލް ނަސްރަށް ހެޓްރިކް ހަދައިދިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ ކެރިއަރުގައި 62 ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ރޮނާލްޑޯ ލީގުތަކުގައި 41 ހެޓްރިކް ފުރިހަމަކޮށް، ގައުމީ ޓީމަށް 10 ހެޓްރިކް ހަދާފައިވެއެވެ. އަދި ބައިނަލްއަގުވާމީ ކްލަބު މުބާރާތްތަކުގައި ރޮނާލްޑޯ ވަނީ ނުވަ ހެޓްރިކް ހަދައިފައެވެ.
ލިސްޓުގެ ދެވަނައިގައި ދަގަނޑޭއަށްވުރެ މަތިން އޮތީ އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. އޭނާ ވަނީ ޖުމުލަ 56 ހެޓްރިކް 21 ވަނަ ގަރުނުގައި ފުރިހަމަ ކޮށްފައެވެ. އޭގެ ތެރެއިން 36 ހެޓްރިކެއް މެސީ ހެދީ ލީގުގައެވެ. ގައުމީ ޓީމަށް އަށް ހެޓްރިކެއް މެސީ ހަދާފައިވާ އިރު، ބައިނަލްއަގުވާމީ ކްލަބު މުބާރާތްތަކުގައި މެސީ ވަނީ އަށް ހެޓްރިކެއް ހަދައިފައެވެ.
ދުނިޔޭގެ ތާރީހުގައި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ މެސީއާއި ރޮނާލްޑޯގެ ފަހަތުގައި އަޝްފާގު ލީޑުކުރަމުން ދިއުމަކީ ބޮޑު ޝަރަފެކެވެ. ހާއްސަކޮށް ރާއްޖެ ފަދަ ގައުމެއްގެ ކުޅުންތެރިޔަކު އެ ލިސްޓުގައި އޮތުންވެފައި ވަނީ ދިވެހީންނަށް ހާއްސަ ޝަރަފަކަށެވެ. އެ ކާމިޔާބީ އަޝްފާގު ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަޝްފާގު ބުނީ އައިއެފްއެފްއެޗްއެސްގެ ލިސްޓުގައި ހިމެނިފައި އޮތުމަކީ ރާއްޖެއާއި އޭނާއަށް ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.