އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ ރައީސް އަދި ނައިބް ރައީސްގެ މަގާމަށް އަންހެން ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އޭސީސީގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. އެބޭފުޅުންނަކީ ފާތިމަތު އަނޫލާ އާއި މަރްޔަމް ޝިއުނާގެ އިތުރުން އައިޝަތު އަބްދުﷲ އަދި އަލީ އަޝްރަފެވެ.
އެބޭފުޅުންގެ ތެރެއިން، އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކޮށްފައިވަނީ އެ ކޮމިޝަންގެ މެމްބަރުކަން މިއަދު ލިބިވަޑައިގެންނެވި ސ. ހިތަދޫ/ ނެދުންގޭ، މަރިޔަމް ޝިއުނާއެވެ. ޝިއުނާ މީގެ ކުރިން މަސައްކަތްކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ ގޮތުގައެވެ. އަދި އޭނާ މިހާރު ގެންދަވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
އޭސީސީގެ ނައިބް ރައީސް އަކަށް އައްޔަން ކުރެއްވީ ގ. ވަޑިނޮޅުގޭ، ފާތިމަތު އަނޫލާއެވެ. އަނޫލާ އެންމެ ފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވައިފައެވެ.
އޭސީސީގެ ރައީސް އާއި ނައިބް ރައީސްގެ މަގާމަށް އަންހެން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު، އަންހެނުން ގައުމު ބިނާ ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާން ޖެހޭ ކަމަށާއި އެކަމުގައި ސަރުކާރުން އެހީވާނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެގޮތުން، ދާދި ފަހުން ސުޕްރީމް ކޯޓަށް ވެސް ދެ އަންހެން ފަނޑިޔާރުން ވަނީ އައްޔަން ކުރައްވައިފައެވެ.