އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީއަށް ހަތަރު މެމްބަރަކު އައްޔަން ކުރައްވައިފި

ފަތޯނާ ފާއިޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު ކަމަށް، hަތަރު ބޭފުޅުން މިއަދު އައްޔަން ކުރައްވައިފިއެވެ.

އެ ކޮމިޝަނަށް މިއަދު އައްޔަން ކުރެއްވި އެބޭފުޅުންނަކީ:

1- އަލްއުސްތާޒާ ފާޠިމަތު އަނޫލާ, ގ. ވަޑިނޮޅުގެ

2- މަރްޔަމް ޝިއުނާ، ސ. ހިތަދޫ، ނެދުންގެ

3- އައިޝަތު އަބްދުﷲ، ޅ. ހިންނަވަރު، ރޯލްގޯލްގެ

4- އަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366

މި ބޭފުޅުންގެ ތެރެއިން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި އަނޫލާ އެންމެ ފަހުން މަސައްކަތް ކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ.

މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ޝިއުނާ އަންނަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ކޮމިޝަނަށް އައްޔަން ކުރެއްވި އައިޝަތު އަބްދުﷲ އެންމެ ފަހުން ހުންނެވީ ފިނޭންސް މިނިސްޓްރީގެ އޯޑިޓް އެގްޒެކެޓިވްގެ މަގާމުގައެވެ. އޭނާ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފައެވެ.

އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އަންނަނީ ޔުނިވާސިޓީ އޮފް ވެސްޓާން އިންގްލެންޑުގެ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް މި ހަތަރު ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އާދަމް މުހައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ މެންބަރުކަމުގެ ހުވައި ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހު ވަނީ ހަތަރު ބޭފުޅުންނާ ހަވާލުކުރައްވައިފައެވެ.