އެމްއެންޑީއެފް

ކުނީގެ މައްސަލަ ހައްލުކުރުމަށާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ކުނި މެނޭޖު ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މުވައްޒަފުން ތަމްރީނު ކުރުމާ ގުޅޭގޮތުން އެމްއެންޑީއެފް އާއި ވެމްކޯއާ ދެމެދު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އާދަމް މުހައްމަދެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާންޑަންޓް އެމްއެންޑީއެފް ފަޔަރު އެންޑް ރެސްކިއު ސާވިސް، ކާނަލް އަބްދުﷲ އިބްރާހީމެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސަސްއާއި ވެމްކޯއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހިކޮށް، މައުލޫމާތު ހިއްސާކޮށް، އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ އެކަމާ ގުޅޭ ހަރަކާތްތައް ހިންގޭނެއެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ ތަމްރީނު ވެމްކޯގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ރ. ވަންދޫ، ފުވައްމުލަކު ސިޓީ، އަދި އައްޑޫ ސިޓީގެ ހުރިހާ މުވައްޒަަފުންނަށް ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ފަޔަރު ސްޓޭޝަންތަކަށް ދިމާވާ ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ހައްލު ގެނެސްދޭނެއެވެ. އަދި ވެމްކޯގެ ސައިޓުތަކާއި އޮފީސް އިމާރާތް އަދި ވެހިކަލުތައް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ ކޮންސަލްޓަންސީ އާއި ތަމްރީނު ދިނުމަށް ވެސް އެއްބަސްވެފައި ވެއެވެ.

ވެމްކޯއިން ވަނީ އެމްއެންޑީއެފްގެ ރެސްކިއު ސާރވިސަސްގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި މުވައްޒަފުންގެ ވެލްފެއަރ އެކި ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށާއި މުއައްސަސާއަށް ބޭނުންވާ ތަފާތު އެކި އާލާތް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.