މުހައްމަދު އައުޒަމް
ސައުދީގައި ކުށް ކުރާ މީހުންގެ މައުލޫމާތު ހާމަ ކުރާ މީހުން ހިމާޔަތް ކުރާ ގާނޫނެއް ފާސްކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ޝުއޫރާ ކައުންސިލް އިން ފާސްކުރި މިގާނޫންގެ ދަށުން އެގައުމުގައި ކުށް ކުރާ މީހުންގެ މައުލޫމާތު ހާމަ ކުރާ މީހުންނަށް ރައްކާތެރިކަން ލިބިގެން ދާނެއެވެ.
މި ގާނޫންގައި 39 މާއްދާ ހިމެނޭ ކަމަށާއި މި ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދޭ ފަރާތް ފުރިހަމައަށް ރައްކާތެރި ކުރެވި ހިމާޔަތް ކުރެވިގެން ދާނެ ކަމަށް ކައުންސިލްގެ ނައިބު ރައީސް ޔަހްޔާ އަލް ސަމާން ވިދާޅުވިއެވެ.
ސައުދީގެ ހިއުމަން ރައިޓްސް އެންޑް ސުޕަވައިޒަރީ ކޮމިޓީގެ ލަފައާއި އެކު ތައްޔާރުކޮށްފައިވާ މި ގާނޫން ވުޖޫދު ކުރަން ޖެހުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ސައޫދީ ރަސްގެފާނުގެ އެންގެވުމުގެ މަތިން އެގައުމުގެ ކޮރަޕްޝަން ހުއްޓުވުމަށް ފެއްޓެވި މަސައްކަތުގެ ސަބަބުންނެވެ. މި މައްސަލަތަކުގައި އެގައުމުގެ ބޮޑެތި ވިޔަފާރިވެރިންނާއި ޝާހީ އާއިލާއަށް ނިސްބަތްވާ ގިނަބަޔަކު ހައްޔަރު ކޮށް ތަހުގީގު ހިންގައިފައިވެއެވެ.
ސައުދީއިން ހިންގި ކޮރަޕްޝަނާ ގުޅޭ ބޮޑު ތަހުގީގުގައި 100 ބިލިޔަން ޑޮލަރު އެގައުމުގެ ސަރުކާރުގެ އިސްފަރާތްތަކުން ވަގަށް ނަގާފައިވާކަށް ސާބިތުވިއެވެ. ތަހުގީގު ތަކުން ކުށް ކުރި މީހުންނަށް މުހުލަތެއްދީ ވަގަށް ނަގާފައިވާ ފައިސާތަށް އަނބުރާ ދައުލަތަށް ދައްކަށް ވަނީ އަންގާފައެވެ.
މިހާތަނަށް ފައިސާ ނުދައްކާ ތިބި 56 މީހެއްގެ މައްސަލަ ކޯޓަށް ފޮނުވާނެ ކަމަށް އެގައުމުގެ ޕްރޮސިކިއުޓަރުގެ އޮފީހުން މައުލޫމަތު ދެއެވެ.