އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް އަހުމަދު ޝިޔާއު އައްޔަނުކުރައްވައިފިއެވެ.
އޭޖީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަހުމަދު ޝިޔާއުއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. އެ ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި އަހުމަދު ޝިޔާއު ވަނީ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ އިން މާސްޓާ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައި، އަދި އޭގެ އިތުރުން ވިލާ ކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.
ޝިޔާއުއަކީ ސަރުކާރާއި އަމިއްލަ މުއައްސަސާތައް ހިމެނޭ ގޮތަށް ތަފާތު ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރެއްވުމުގެ ތެރެއިން އިދާރީ އަދި އިންސާނީ ވަސީލަތްތަކާ ބެހޭ ބައިތަކުން ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެގޮތުން ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ޑިރެކްޓަރު ކަމާއި، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އެޑްމިނިސްޓްރޭޝަން ކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެޑްމިނިސްޓްރޭޓަރު ކަމާއި، އަދި ސްޓާ ޕަބްލިކޭޝަންސް ޕްރައިވެޓް ލިމިޓެޑްގެ އެޑްމިނިސްޓްރޭޓަރު ކަންވެސް ޝިޔާއު ކުރައްވާފައި ވެއެވެ.
ޝިޔާއު އަކީ 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު ތަޖުރިބާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.