ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައި ނުވާނެ ކަމަށް އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުންދާކަމަށް އެމްއެންޑިއެފުން އެމަނިކުފާނަށް އަންގާފައިވާކަމަށް ބުނެ ރޭގެ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް މިއަދު އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައެވެ.
އެމްއެންޑީއެފް ގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެބޭފުޅެއްގެ ސެކިއުރިޓި ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ތްރެޓް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެންކަމަށެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި އެމްއެންޑީއެފްގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
"މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މިތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވޭ" އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.
ނަމަވެސް، އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އެމްއެންޑީއެފުން ދީފައިވެ އެވެ.