ކުއްލި ޚަބަރު

ފުލުހުން އަޅުގަނޑަށް ފާރަލަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި: ރައީސް ނަޝީދު

އެމަނިކުފާނަށް ފުލުހުން ފާރަލައްވަމުން ގެންދަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ދަރުބާރުގޭގައި ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ޒަމާނުއްސުރެ ކަންބޮޑުވަމުން އަންނަ ކަމެއް ހާމަވެފައިވާ ކަމަށެވެ.

އެއީ ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ހިޔާލުގެ ބަޔަކާ ދެމެދު ހިނގާ އަރާރުމެއްގެ ތެރޭގައި މީހުން މަރާ ކަމާއި މީހުން މެރުމުގައި ފުލުހުންނާއިު ސިފައިންގެ ތެރެއިން ބަޔަކު ވެސް ބައިވެރިވާކަން ކަމަށެވެ.

ނަޝީދު ވިދާޅުވީ، މީހުން މެރުމުގައި ފުލުހުންނާއި ސިފައިން ބައިވެރިވާ ކަމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިލްވާން މައްސަލައިގެ ރިޕޯޓްގައި ބުނާއިރު އެކަމަށް ހައްލެއް ނުހޯދައި ޖިނާއީ އަދުލުގެ ނިޒާމް އިސްލާހު ނުކުރެވޭނެ ކަމަށާއި ޑިމޮކްރަސީވެރިކަމުގެ ހަމަތައް ހިފަހައްޓަން ވެސް ދަތިވާނެ ކަމަށެވެ.

އަދި ވިދާޅުވީ، އެކަމާ ގުޅިގެން އެއިރެއްގައި ދައްކަންހުރި ވާހަކަ ދައްކާނެ ކަމަށާއި އެގޮތަށް ވާހަކަ ދައްކާތީ ކިތަންމެ ނުރައްކަލެއް އެމަނިކުފާނަށް ދިމާވާ ކަމަށެވެ. ނަމަވެސް އެވާހަކަތައް ދެއްކުން ހުއްޓާނުލާނެ ކަމަށް ވިދާޅުވިއެވެ.

"އެއިރެއްގައި ދައްކަންހުރި ވާހަކައެއް އަޅުގަނޑު ދައްކާނަން. އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ކިތަންމެ ނުރައްކަލެއް ދިމާވޭ. އަޅުގަނޑަށް އެކަން ވެސް އެނގޭ. އަޅުގަނޑު ކައިރީގައި މީގެ ތިން ރޭ ކުރީގައި އެމްއެންޑީއެފުން ބުނި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ. ފުލުސް އޮފީހުން ވެސް ކޮށްފާނެ. އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރިދާނެ. އެހެންނަމަވެސް އާޅުގަނޑު މިހުރީ އެވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން،" ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ތަކުރާރުކޮށް ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަ އަޅައިގެން ގޮސް އެ އަންނަ ޖޯޝުގައި މި ރާއްޖޭގެ ވެރިކަން އަބަދުމެ އެމީހުންނަށް ބަދަލު ކުރަމުން ގެންދެވިދާނެ ކަމަށް ފުލުުންގެ ބައެއް ބޭފުޅުންނަށް ދެކޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ނުކިޔަމަންތެރިކަން ދައްކައިގެން ދިވެހި ރައްޔިތުން އިންތިހާބުކުރި ވެރިކަމެއް ވައްޓާލި މަންޒަރު އެއްފަހަރު ފެނިފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ހަމަ އެފަދައިން ނުކިޔަމަންތެރިކަން ދެއްކުމުގައި ހައްދުފަހަނައަޅައި އިހްތިޖާޖަށް ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމުގެ އެއްވެސް އިންތިޒާމަކަށް އެމްޑީޕީން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"އަނެއްކާވެސް ނުކިޔަމަންތެރިކަން ދެއްކުމުގައި ހައްދުފަހަނައަޅާ އެމީހުންގެ އިހުތިޖާޖުގައި ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމުގެ އެއްވެސް އިންތިޒާމަކަށް މިޕާޓީން ފުރުސަތު ދީގެން ނުވާނެ. ހަމަގައިމުވެސް އަޅުގަނޑެއް ނުދޭނަން،" ނަޝީދު ވިދާޅުވިއެވެ.