ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަން ކުރައްވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް ގަވަރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އަދި އެ ރަސްމިއްޔާތުގައި ގަވަރުނަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް، ވަނީ ހަވާލުކުރައްވައިފައެވެ.
މަރުކަޒީ ބޭންކުގެ ގަވަރުކަމުގެ މަގާމަށް އަލީ ހާޝިމް އައްޔަން ކުރަން ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެ ނަން ދިރާސާ ކުރުމަށް ދެން ފޮނުވީ މާލިއްޔަތު ކޮމެޓީއަށެވެ.
މާލިއްޔަތު ކޮމެޓީން މިމަހުގެ އެއް ވަނަ ދުވަހު އަލީ ހާޝިމަށް ރުހުންދީ މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު، އޭނާ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ވޯޓުގައި އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.