އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެންބަރުންގެ ދައުރު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
އޭސީސީގެ ގާނޫނު ބުނާގޮތުން، އެ ކޮމިޝަންގައި މިހާރު ތިއްބެވި، ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދާއި ނައިބު ރައީސް އައިމިނަތު މިންނާ އާއި މެންބަރު ސަފްވަތު މުހައްމަދާއި، ޔަޒްމީދު މުހައްމަދުގެ ފަސް އަހަރުުގެ ދައުރުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ އޭނާގެ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވައިފައެވެ.
މިއަހަރުގެ ޖުލައިމަހުގެ ތިންވަނަ ދުވަހު ލުތުފީ އިސްތިއުފާ ދެއްވީ، އޮފީހަށް ނުނިކުންނަވައި މުސާރަ ނަންގަވަމުން ގެންދެވުމުގެ އިތުރުން އެތައް ތުމުހަތުތަކެއް އޭނާގެ މައްޗަށް ކުރުމާ ގުޅިގެންނެވެ.
އޭސީސީގައި މިހާރު ތިއްބެވި މެންބަރުންގެ މުއްދަތު މިއަދަށް ހަމަވާއިރު، ކުރިއަށް އޮތް ދައުރަށް އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ފަސް ނަމެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މިދިޔަ އޯގަސްޓްމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އޭސީސީގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސް ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654، އާއި ފާތުމަތު އަނޫލާ ގ. ވަޑިނޮޅުގެ، އާއި މަރިޔަމް ޝިއުނާ ނެދުންގެ ސ. ހިތަދޫ، އާއި އައިޝަތު އަބްދުﷲ ރޯލްގޯލްގެ، ޅ. ހިންނަވަރު އާއި އަލީ އަޝްރަފް ދަފްތަރު ނަންބަރު 3366، އެވެ.