ވުމެން އިން މެނޭޖްމަންޓް، ވިމްގެ ޓޮޕް 50 އެވޯޑް ރާއްޖޭގެ ތިން ބޭފުޅަކަށް ލިބިއްޖެ އެވެ.
މިމަހު ހަވަނަ ދުވަހު ކުރިއަށް ދިޔަ މި އެވޯޑު ހަފުލާގައި އެވޯޑު ލިބިވަޑައިގެންނެވި ރާއްޖޭގެ ތިން ބޭފުޅުންނަކީ މަރްޔަމް ވަހީދާ އާއި މަރްޔަމް ވިސާމް އަދި އައިމިނަތު ސަލާހް އެވެ. މަރްޔަމް ވަހީދާއަށް ލިބިވަޑައިގެންފައިވަނީ އިންސްޕިރޭޝަނަލް ވުމެން އޮފް ދަ އިޔާގެ އެވޯޑެވެ. ކެރިއާ ރޯލް މޮޑެލް އޮފްދަ އިޔާ އެވޯޑް މަރްޔަމް ވިސާމް ހާސިލްކުރެއްވި އިރު އައިމިނަތު ސަލާހް އަށް ލިބިވަޑައިގެންފައިވަނީ ސީއީއޯ އޮފްދަ އިޔާގެ އެވޯޑެވެ.
ލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ ލަންކާގެ މަޖިލީހުގެ ރައީސް ކާރޫ ޖަޔަސޫރިއާ އެވެ. މި ހަފުލާގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު އޮމަރު އަބްދުއް ރައްޒާގުގެ ދެމަފިރިކަނބަލުންގެ އިތުރުން އަށް ގައުމެއްގެ ސަފީރުންނާއި ލަންކާގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއެވޯޑު ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ ޝަންގްރިލާ ހޮޓަލުގައެވެ. މި ހަފުލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ލަންކާގެ 50 އަންހެނުންނަށް ވެސް އެވޯޑު ދީފައިވެއެވެ.
މިއަހަރަކީ ރާއްޖެއަށް ހާއްސަ ކެޓަގަރީއެއް ހިމަނައިގެން މި ހަފުލާ ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ. މިދިޔަ އަހަރުގެ އެވޯޑު ހަފުލާގައި ރާއްޖޭގެ 6 އަންހެނަކަށް ވިމްގެ ޓޮޕް 50 އެވޯޑް ލިބިފައިވެއެވެ.
އިންޓަނޭޝަނަލް ފައިނޭންސް ކޯޕް އާއި އޮސްޓްރޭލިއާގެ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިޔަ މިއަހަރުގެ ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް އަކީ މި އެވޯޑު ގެ އަށްވަނަ އެޑިޝަނެވެ. 2011 އިން ފެށިގެން ކޮންމެ އަހަރަކު މި އެވޯޑު ވިމް އިން ދެމުން އަންނަ އިރު، މިއީ މަސައްކަތުގެ މާހައުލުގައި އަންހެނުންގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށް ވިމް އިން ބުނެއެވެ.