ހަތަރު ކުޑަކުދިންނާއެކު، ޖުމުލަ 31 މީހަކު ގޮވައިގެން ރޭ، ނ. އަތޮޅުން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފަރަކަށް އެރި ''ކޮންފްރަންޓް އެކްސްޕްރެސް އެމްއެސް 1'' ނަމަކަށް ކިޔާ ފެރީ ލޯންޗް ކ.ގާފަރާއި މާލެއާ ދެމެދަށް ކަނޑުތެރެއަށް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ލޯންޗް އަޑިއަށް ދިޔައީ ފަރުމަތިން ފުންކޮށްގެން ކ. ގާފަރަށް ގެންދަން ވެގެން އެހެން އުޅަނދެއްގައި ކަފުޖަހައިގެން ދަތުރުކުރަމުން ދަނިކޮން މިއަދު ހެނދުނުގެ 9:45 ހާއިރު ކަމަށެވެ.
ލޯންޗު އަޑިއަށް ދިޔަ ވަގުތު ލޯންޗުގައި ފަސް މީހުން ތިބި ކަމަށާއި އެމީހުން ވަނީ ކަފުޖަހައިގެން ދަތުރުކުރި އުޅަނދަށް ނަގާފައިކަމަށް ވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.
އަޑިއަށް ދިޔަ ލޯންޗަކީ 84 ފޫޓުގެ އެލްމިނިއަމް ހަލްގެ ލޯންޗެއް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓުގާޑުގެ ލޯންޗެއް މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ހަތަރު ކުޑަކުދިންނާއެކު ޖުމްލަ 31 މީހަކު ގޮވައިގެން ނ. އަތޮޅުން މާލެ ދަތުރުކުރަމުންދިޔަ މި ފެރީ ލޯންޗު ފަރަކަށް އަރައިގެން ރިޕޯޓުކޮށްފައިވަނީ ރޭ 9:46 ހާއިރުއެވެ. އަދި އެ ފެރީ ފަރަށް އެރިއިރު އޭގައި ހަތަރު ކުޑަކުދިންނާއި 11 އަންހެނުންނާއެކު ޖުމުލަ 31 މީހުން ތިބި ކަމަށާއި ނަމަވެސް ހާދިސާގައި ފެރީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.