ކުއްލި ޚަބަރު

ދަގަނޑޭ ގައުމީ ޓީމަށް ނަގައިފި

2

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)އަށް ގައުމީ ޓީމުން ޖާގަ ދީފިއެވެ.

ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ދައުރު އަދާކުރި ދަގަނޑޭއަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޮޑުން ވަކި ކުރި ފަހުން ގައުމީ ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ. އެފަހަރު ދަގަނޑޭ ސްކޮޑުން ވަކި ކޮށްފައިވަނީ އޭއެފްސީ ކަޕްގައި މިދިޔަ އަހަރުގެ މާޗް މަހު ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވި މައްސަލައާ ގުޅިގެންނެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި، ޗައިނާއާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗަށް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ވަނީ ހިމަނައިފައެވެ. އަދި ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް މާދަމާ ފަށާ ފަރިތަކުރުންތަކުގައި ވެސް ދަގަނޑޭ ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދަގަނޑޭއަށް ގައުމީ ޓީމުން އަލުން ޖާގަ ދީފައިމިވަނީ، ގައުމީ ޓީމުން ދަގަނޑޭ ބާކީ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ކޯޗަށާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަމާޒުވެފައިވަނިކޮށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟