ގައުމީ އެއާލައިން، މޯލްޑިވިއަންގެ އާ ޓިކެޓިން އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މޯލްޑިވިއަންގެ ޓިކެޓް އޮފީސް ސިޓީ ސްކޮޔާ ބިލްޑިންއަށް ބަދަލުކޮށް، އެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ އިތުރުން އެ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި މުވައްޒަފުންނެވެ.
ޓިކެޓް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒުވީ ވިދާޅުވީ، އާ އޮފީހާއެކު ކުރިން ދިމާވި ޖާގައިގެ ދަރިކަން ހައްލުވެ، ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާވެ އަވަސް ވެގެންދާނެ ކަމަށެވެ.
އަދި އޭނާ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު އެންމެ ބޭނުންވި ކަމަކީ މުވައްޒަފުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ހޯދައިދިނުން ކަމަށާއި އެގޮތުން މިއަދު ހުޅުވިގެންދިޔަ އާ އޮފީހާއެކު ހުރިހާ މުވައްޒަފުންގެ އިންތިޒާރަށް ވެސް ނިމުން އަންނާނެ ކަމަށް ވިދާޅުވިއެވެ.
ރިޒުވީ އިތުރަށް ވިދާޅުވީ، މޯލްޑިވިއަނުން ދަތުރު ކުރަމުން އަންނަ މަންޒިލްތައް އިތުރުކޮށް، އިތުރު ފުލައިޓުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަންގެ އާ ޓިކެޓިން އޮފީސް ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 3:00 އަށް ހުޅުވާފައި ހުންނާނެއެވެ.
އާ ޓިކެޓިން އޮފީހާއެކު މޯލްޑިވިއަންގެ ކޯލް ސެންޓަރު ވެސް ވަނީ އާ ބިލްޑިންއަށް ބަދަލުކޮށްފައެވެ. ކޯލް ސެންޓަރުން ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ހިދުމަތް ލިބޭއިރު، ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.