ޝަހީދާ އަބްދުﷲ ސައީދު
ގދ. ތިނަދޫގައި ބޯހިޔާވަހިކަމުގެ ވައުދުގައި ހިމެނޭ، ހައުސިން ޔުނިޓު އަޅައިދިނުމުގެ މަޝްރޫއުގެ ދަށުން ގޯތީގައި ގެ އެޅުމަށް އެދި ފޯމު ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
ތިނަދޫ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ވަނީ ހައުސިން ޔުނިޓު އަޅައިދިނުމުގެ މަޝްރޫއުގެ ދަށުން ގޯތީގައި ގެ އެޅުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ކުރިން ދީފައިވާ މުއްދަތު އިތުރުކުރީ ފޯމު ހުށަހެޅުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީއާއި އެކަމަށް ގިނަ ރައްޔިތުން އެދެމުން އަންނާތީ ކަމަށެވެ.
އެހެންކަމުން ފޯމު ހުށަހެޅުމުގެ މުއްދަތު މިމަހުގެ ބާރަވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ތިނަދޫ ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.
ތިނަދޫ ކައުންސިލުން ކުރިން ނެރުނު އިއުލާނުގައިވާ ގޮތުން ގޯތީގައި ގެ އަޅަން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަން ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 22 އިން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.
ތިނަދޫގައި ގެ އަޅައި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމި އިރު، ކުރީގެ ސަރުކާރުން ވަނީ ތިނަދޫގައި 120 ފްލެޓް އިމާރާތްކޮށްފައެވެ. އޭގެ ތެރެއިން 80 ފްލެޓު ހާއްސަކޮށްފައިވަނީ ތިނަދޫ ރަށްވެހިންނަށެވެ. 25 ފްލެޓު ހާއްސަކޮށްފައިވަނީ ތިނަދޫއަށް ހިޖުރަ ކުރާ މީހުންނަށެވެ. އަދި ބާކީ 15 ފްލެޓު ވިއްކަން ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.