ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ހިމެނޭކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައިވާ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ދެ އޮފިސަރުން މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ އެދުމުގެ މައްޗަށް ބިނާކޮށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވި ސިޓީ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި ރިޔާސީ ކޮމިޝަނުން ވެސް ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ދެ ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން ފުލުހުންނަށް ފޮނުވި ސިޓީގެ ތަފްސީލެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ، އެ ކޮމިޝަނުން އާންމުކުރި ރިލްވާންގެ މައްސަލައާ ގުޅޭ ރިޕޯޓްގައި ހިމެނޭ ދެ އިންޓެލިޖެންސް އޮފިސަރުންނަށް އިދާރީ ފިޔަވަޅެއް އެޅުމުށް މިއަދު އެ ދެ މީހުން ފުލުހުންގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށެވެ.
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިއަދު ފުލުހުންނަށް ފޮނުވި ސިޓީގައި މައިގަނޑު ތިން ކަމެއް ކުރުމަށް ވަނީ އެދިފައެވެ.
ގާނޫނު އަސާސީގެ 133 ވަނަ މާއްދާއިން އޭޖީއަށް ލިބޭ ބާރުގެ ދަށުން ކުރުމަށް ފުލުހުންގެ މައްޗަށް އެންގި ކަންތައްތަކުގެ ތެރޭގައި ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި އިންޓެލް ދެ ފުލުހުން ކަމަށްވާ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުރުމުގެ އަމުރެއް ހޯދަން ކްރިމިނަލް ކޯޓުގައި އެދުމަށް ވަނީ އެދިފައެވެ.
އެގޮތަށް އޭޖީން ފުލުހުންގެ ކިބައިން އެދިފައިވަނީ، އެމީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ މި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ފެންނާތީ ކަމަށް ބުނެއެވެ.
އޭގެ އިތުރުން އޭޖީ ވަނީ، މީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު 24 ޖޫން 2014 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް މަރުތަކާ ބެހޭ ކޮމިޝަނުން ބުނެފައިވީ ނަމަވެސް، އެކަމާ ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ، އެކަން އެގޮތަށް ކުރީ ކީއްވެގެންކަންތޯ އަދި އެކަމުގައި ބައިވެރިވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްދިނުމަށް ފުލުހުންނަށް ފޮނުވި ސިޓީގައި އެދިފައެވެ.
މީގެ އިތުރުން ރިލްވާންގެ މައްސަލައިގައި ހިމެނޭ އިތުރު ތިން ފުލުހަކާއި އެމްއެންޑީއެފް މީހެއްގެ މައްސަލަ ބެލުމަށް ވެސް އެ ސިޓީގައި އެދިފައިވާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ. އެއީ ރިލްވާންގެ ޕާސްޕޯޓު ހޯދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވައިގެން އެކަމަށް މަސައްކަތްކުރެއްވި އަބްދުއްރައޫފު ކިޔާ މީހެއްގެ މައްސަލައެވެ.