ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފުލުހަކު ހައްޔަރުކުރުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގަވައިފިއެވެ. އެގޮތަށް އެޓާނީ ޖެނެރަލްގެ ފަރާތުން ފުލުހުންނަށް އެންގީ މިރޭ އެ އިދާރާއަށް ފޮނުވި ސިޓީއެއްގައެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ރިފްއަތު ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވި އެ ސިޓީގައި ފުލުހުންގެ ފަރާތުން މައިގަނޑު ތިން ކަމަކަށް އެދިފައިވާނެ ކަމަށެވެ.
އެގޮތުން ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި އިންޓެލް ދެ ފުލުހުން ކަމަށްވާ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހީމް ރިފްއަތު މުޖުތަމައުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ފެންނާތީ، އެ ދެ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ހޯދަން ކްރިމިނަލް ކޯޓުގައި އެދުމަށް އެދިފައިވާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.
އޭޖީ ފާހަގަކުރެއްވި މުހައްމަދު ޖިނާހާއި ރިފްއަތަކީ ރިލްވާން ރާއްޖެއިން ބޭރަށް ދިޔަކަން ދެއްކުމަށް އާނާގެ ޕާސްޕޯޓެއް ހައްދަން ބޭނުންވެގެން އޭރު އިމިގްރޭޝަންގެ ކޮންޓްރޯލަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން އަލީއާ ބައްދަލުކުރި ކަމަށް ރިލްވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވާ ދެ ފުލުހުންނެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެ ދެ ފުލުހުން ވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަތުން ބޮޑެތި އަދަދުން ފައިސާ ވެސް ނަގައިފައެވެ.
"މި މައްސަަލަ (ރިލްވާންގެ މައްސަލަ)އަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލައެއް. ދައުލަތުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަަމަށް ފެންނާތީ، ގާނޫނު އަސާސީގެ 133 ވަނަ މާއްދާއިން އޭޖީއަށް ލިބޭ ބާރުގެ ދަށުން އެ ދެ ފުލުހުން ހައްޔަރު ކުރަން އެދިފައިވާނީ،" ރިފްއަތު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ، ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަން ވާނެ ކަމަށެވެ.
އޭޖީ ރިފްއަތު އިތުރަށް ވިދާޅުވީ މީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު 24 ޖޫން 2014 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް މަރުތަކާ ބެހޭ ކޮމިޝަނުން ރިލްވާންގެ މަރުގެ މައްސަލައިގައި ނެރުނު ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ، އެކަން އެގޮތަށް ކުރީ ކީއްވެގެންކަން ސާފު ކޮށްދިނުމަށާއި އަދި އެކަމުގައި ބައިވެރިވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްދިނުމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވި ސިޓީގައި އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން ރިލްވާންގެ މައްސަލައިގައި ހިމެނޭ އިތުރު ތިން ފުލުހަކާއި އެމްއެންޑީއެފް މީހެއްގެ މައްސަލަ ބެލުމަށް ވެސް އެ ސިޓީގައި އެދިފައިވާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ. އެއީ ރިލްވާންގެ ޕާސްޕޯޓު ހޯދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގަވައިގެން އެކަމަށް މަސައްކަތްކުރެއްވި އަބްދުއްރައޫފު ކިޔާ މީހެއްގެ މައްސަލައެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ކަމާބެހޭ ފަރާތްތަކުން، ގާނޫނާ ގަވައިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އެކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނެ ކަމަށް" ރިއްފަތު ވިދާޅުވިއެވެ.