އެންޓި ކޮރަޕްޝަން ކޮމިޝަން

ހިންގުމުގެ ނިޒާމު އެންމެ ރަނގަޅަށް ބައްޓަން ކުރެވުނު އިދާރާއަކީ އޭސީސީ: މުއައްވިޒު

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން އެންމެ ރަނގަޅަށް ބައްޓަން ކުރެވުނު އިދާރާއަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެގެންދާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.

އޭސީސީގައި މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވާތީ، ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުއައްވިޒު ވިދާޅުވީ، އޭސީސީގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނީ ގާނޫނީ ގޮތުންނާއި މާލީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުވުމާއެކު ދައުލަތުގެ އެހެން އިދާރާތަކުން މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.

އެގޮތުން އޭސީސީން ކުރަމުންދާ މަސައްކަތަށް ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާއިން ވަރަށް ބޮޑު އެއްބާރުލުމެއް ދޭކަން އޭނާ ފާހަގަަކުރެއްވިއެވެ.

މުއައްވިޒު އިތުރަށް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން އޭސީސީއަށް ލިބި، އަދި ގާނޫނީ ގޮތުން ކޮމިޝަނަށް ދިމާވެފައިހުރި ގޮންޖެހުންތަކާ ބަޖެޓްގެ ގޮތުން ދިމާވެފައިހުރި ގޮންޖެހުންތައް ހައްލުކުރެވިއްޖެނަމަ، މުސްތަގުބަލުގައި ކޮމިޝަންގެ މަސައްކަތްތައް މިހާރަށްވުރެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި އެ ކޮމިޝަނުން ''ބިތު ފަންގި''ގެ ނަމުގައި ކުރިއަށް ގެންދިޔަ ސިލްސިލާ ޓެލެޑްރާމާ އެޕިސޯޑުތަކަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ އެޕިސޯޑްތަކުގެ ސަބަބުން ކުރީގެ ސަރުކާރުގައި ބައެއް އިދާރާތަކުން ބަޔާންތައް ނެރުނު ކަމަށާއި އެ ޑްރާމާތަކުން ފާހަގަކުރި ކަންކަމަކީ ހަގީގަތެއްކަން ބައެއް އިދާރާތަކުން މިއަދު ގަބޫލުކުރާތީ އުފާ ކުރައްވާ ކަމަށެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުންގެ ދައުރު ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ. މުއައްވިޒު ވިދާޅުވީ އަންނަ ހޯމަ ދުވަހު އާ މެމްބަރުން ކޮމިޝަނަށް ވަޑައިގެން ވަރަށް ހަރުދަނާކަމާއެކު މަސައްކަތް ކުރިއަށް ގެންދެވޭ ވަަރަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.