ސިޔާސީ

ޕީޕީއެމްއަށް މުހިއްމީ ގައުމު، އެމްޑީޕީގެ މޮޓޯއަކީ އެންމެ ފުރަތަމަ އިންޑިއާ: ރައީސް ޔާމީން

ފަތޯނާ ފާއިޒު

ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މޮޓޯއަކީ އެންމެ ފުރަތަމަ އިންޑިއާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންފަހުން އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އދ. ކުނބުރުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ހިމެނޭ ކޯލިޝަންގެ މޮޓޯއަކީ އެންމެ ފުރަތަމަ ގައުމު ކަމަށެވެ. ނަމަވެސް މިހާރު ވެރިކަން ކުރާ މައި ޕާޓީގެ މޮޓޯއަކީ ފުރަތަމަ އިންޑިއާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމަށްވުރެ މުހިންމު ތަނެއް ނޯންނާނެކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދިގު ތާރީހެއް އޮތްއިރު އެ ތާރީހު ބެލުމުން އަވަށްޓެރި ގައުމުތަކުން ރާއްޖެ ހިފަން މަސައްކަތް ކޮށްފައިވާ މިންވަރު އެނގޭނެ ކަމަށެވެ.

އަދި ވިދާޅުވީ، ސިޔާސީ ކުލަ ބަދަލު ކުރާ މީހުން ގިނަވެފައިވާތީ ރައްޔިތުންގެ އަމިއްލަ ސިކުނޑިން ކަންކަމާ ދޭތެރޭގައި ވިސްނަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި ރައްޔިތުންނަށް ކެއްސެއް ދީފައި، އެކަން ކުރެއްވި ބޭފުޅަކު މައާފަށް އެދިވަޑައިގަތުމުން ނުފުދޭ ކަމަށާއި މާފަށް އެދެވުނު ކަމަށްވާނީ އެބޭފުޅަކު ސިޔާސީ މައިދާނުން ދުރަށް ދިޔުމުން ކަމަށެވެ.

"އަޅުގަނޑު ކިހާ ވަރަކަށް ރައްޔިތުން ކައިރިއަށް އައިސް އާދޭސް ކުރިންތޯ؟ ގައުމުގެ އިސްތިގްލާލާ މިނިވަން ކަމާ ދޭތެރޭގަ، ރައްޔިތުންގެ ކުރިއެރުމާ ފާގަތިކަމާ ދޭތެރޭގައި އަދި އަޅުވެތި ނުވުމަށް ކުރާ މަސައްކަތާ ދޭތެރޭގައި، ކިހާ ވަރަކަށް ވާހަކަ ދެކެވުނުތޯ؟ އެހެންނަމަވެސް އެދުވަސް އެދިޔައީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމް އާއި ޕީއެންސީން މިއަދު އަތޮޅު ތެރެއަށް ފެށި ކެމްޕެއިން ދަތުރުގައި އދ. އަތޮޅުގައި ހިމެނޭ މަހިބަދޫ، ދިގުރަށް، ކުނބުރުދޫ އަދި ދަނގެއްޗަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ޕީޕީއެމްގެ މި ދަތުރުގައި ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.