ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަހާޒް އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދިއްޖެ

މަރިޔަމް ޝަހުދާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ރައީސް ސޯލިހު މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަހާޒް އައްޔަން ކުރުމާމެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންފައިވާއިރު މިއަހަރު ޖުލައި މަހު ތެރޭ ޖޭއެސްސީން ވަނީ 2015 ވަނަ އަހަރު މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމި ނިންމުން ރިވިއު ކުރަން ނިންމާފައެވެ. މި މައްސަލަ ރިވިއު ކުރުމަށް މަހާޒްގެ ފަރާތުން ހުށަހަޅާފައި ވާ ހުށަހެޅުން ބަލައިގަނެ ޖޭއެސްސީން މައްސަލަ ރިވިއު ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލިއެވެ.

2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭ މަހާޒްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލާފައިވަނީ ޕީޖީ އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނެތް ހާލަތުގައި ޖިނާއީ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް މަހާޒް ވިދާޅުވި މައްސަލައެއްގައެވެ. މި މައްސަލަ މަހާޒްގެ މައްޗަށް ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމާފައިވަނީ 2015 ވަނަ އަހަރު ތެރޭގައެވެ.