އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމުގެ މަގާމަށް، އަލީ ހާޝިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް ގަވަނަރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.

ކޮމިޓީިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އަލީ ހާޝިމާ އިންޓަވިއުކޮށް އެކަމަށް ކޮމިޓީން ރުހުން ދިނުމަށްފަހު އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެމްއެމްއޭ ގެ ގަވަރުނަރު ކަމުގެ މަގާމަށް، އަލީ ހާޝިމް އައްޔަން ކުރުމަށް މަޖިލިހުން މިއަދު ފާސްކުރީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

ގަވަރުނަރު ކަމުގެ މަގާމަށް ހާޝިމު އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.