ލާމަރުކަޒީ ގާނޫނަށް މުހިއްމު 22 ބަދަލެއް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް ގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ ކައުންސިލްތަކަށް ބާރުތައް ނުދީ މަރުކަޒީ ނިޒާމެއްގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރުވެސް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް މުހިއްމު 22 ބަދަލެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ.
ނިޔާޒް ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީގައި ކައުންސިލަރުން ތަމްސީލު ކުރުމަށް ކައުންސިލްތަކުން އިހުތިޔާރު ކުރާ ތިން ފަރާތެއް ހަމަޖެއްސުމުގެ ގަވައިދު އަލުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކަމާ ގުޅޭ ފަންނީ އެކި ދާއިރާތަކުން މީހުން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް އައްޔަން ކުރުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސީއީއޯ އެއް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ޒިންމާދާރު ވަޒީރަކާއެކު ނުވަ މެންބަރުން ހިމެނޭ ބޯޑެއް އޮންނަ ގޮތަށް ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ މިހާރު އޮންނަ ގޮތުންނަމަ ސަރުކާރުން އައްޔަން ކުރާ ވަޒީރަކީ ހޯމް މިނިސްޓަރު ކަމަށެވެ. ނަމަވެސް ކައުންސިލްތަކުން ކުރާ މަސައްކަތްތަކާއި އެންމެ ގުޅުން ބޮޑު ވަޒީރަކީ ފިނޭންސް މިނިސްޓަރު ކަމުގެ ލަފާ ލިބޭކަމަށާއި، އެމަގާމަށް ފިނޭންސް މިނިސްޓަރު ހަމަޖައްސައި ދިނުމަށް ކައުންސިލްތަކުން އެދޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އެބަދަލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންގެ އެންމެ އިސް ވެރިޔަކީ ކާކުކަން ބައެއްފަހަރު އޮޅޭ ކަމަށާއި އެހެންކަމުން ސިޔާސީ އަދި އިދާރީ ބައިގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނިޒާޒް ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ ކައުންސިލްތަކުގައި ޒިންމާދާރު ވެރިއެއް އިދާރީ ގޮތުން އެންމެ އިސްކޮށް ހުންނައިރު، ކައުންސިލް އިދާރާގެ އެންމެ އިސް މީހަކީ އެއީ ކަމަށް ގިނަ ރައްޔިތުން ދެކޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުން ޖަވާބުދާރީވާން ޖެހޭނީ ކައުންސިލަރުންނަށް ކަމެއް ނުވަތަ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިއަށްކަން އޮޅޭ ފަހަރު އަންނަ ކަމަށާއި ނަމަވެސް މިއީ ހުރިހާ ކައުންސިލް އިދާރާތަކުގައި ކަން ހިނގާގޮތް ނޫން ކަމަށް ނިޔާޒް ފާހަގަ ކުރެއްވިއެވެ.
ކައުންސިލްތަކުގެ ސިޔާސީ އަދި އިދާރީ ބައިގެ ކޯޅުންތަކަށް ހައްލެއް ގެނައުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މިކަމަށް ހައްލެއް ހޯދުމަށް ކައުންސިލު އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ސީދާ ކައުންސިލުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ހަދައިދިނުމަށް ކައުންސިލަރުން އެދޭކަމަށް ނިޔާޒް ފާހަގަ ކުރެއްވިއެވެ. ނިޔާޒް ވިދާޅުވީ އެ މުވައްޒަފުން ސިވިލް ސާވިސްގެ ގާނޫނަށް އަމަލު ކުރިނަމަވެސް އެ މީހުން ޒިންމާދާރު ކުރުވާން ޖެހޭ ފަރާތަކީ ކައުންސިލުކަމުގައި ހަމަޖައްސައި ދިނުމަށް ކައުންސިލްތަކުން އެދޭކަމަށެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ މިފަދަ ބަދަލުތަކެއް ގެނައުމަށް ސިވިލް ސާވިސް ކޮމިޝަނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ސިވިލް ސާވިސް ކޮމިޝަނުގެ ބޭރުން މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ އެންމެ އެކަށޭނަ ގޮތް ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެހެން ކަމުން ސިޔާސީ ފަށަލާއާއި އެއްކޮށް ސިވިލް ސާވިސް މުވައްޒަފުންނަށް ވަޒީފާ އަދާކުރެވޭނެ އެންމެ ރަނގަޅު ނިޒާމަކީ ކޮބައިތޯ މަޝްވަރާ ކުރައްވަމުން ގެންދަވާކަން ނިޔާޒް ފާހަގަ ކުރެއްވިއެވެ.