ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުންނަށް ރައްޔިތުންގެ މަޖިލީހުންކުރާ އިތުބާރު ދަމަހައްޓާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ޕީޖީ ލީޑަރު ކަމުގެ މަގާމުގައި ވެސް ހުންނެވި އާދަމް ޝަރީފް މިހެން ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާންގެ މައްސަލަ ބެލުމަށްފަހު އެކުލަވައިލި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ހިއްސާ ކުރުމަށްފަހު، ސިއްރު މައުލޫމާތުތައް ހިމަނާފައި ހުރެގެން އަލުން ރިޕޯޓްތައް މަޖިލީހުގެ އިދާރާއިން އަތުލާފައި ވަނިކޮށެވެ.
އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމީ މަސްލަހަތަށް އިސްކަން ދެއްވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ''ލައްޓިޔަށް ގޮވާވަރަށް'' އެއްޗެތި ގޮވިޔަސް ބުނަންޖެހޭ ބަސް ބުނާނެ ކަމަށް ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، ރިލްވާންގެ މަރާ ގުޅޭ ރިޕޯޓުގައިވާ ސިއްރުތައް ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ކޮމިޝަނުން ރިލްވާނާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓްގެ ޑްރާފްޓެއް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، ނަޝީދަށް ދެއްވުމުން، ނަޝީދު ވަނީ ރިޕޯޓުގެ ކޮޕީއެއް ޕީޖީ ލީޑަރުންނަށް އަރުވައިފަ އެވެ. އަދި އެރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ހިފެހެއްޓުމަށް ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވެސް އެދިވަޑައިގެންފައިވެއެވެ.