ސިޔާސީ

ޔާމީންގެ ހުރިހާ ސަޕޯޓަރުން ވަޒީފާއިން ވަކި ކުރިޔަސް، މި ސަރުކާރު ގެންނަން އުޅުނު އެންމެނަށް ވަޒީފާއެއް ނުދެވޭނެ

ފަތޯނާ ފާއިޒު

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެންނަން ކެމްޕެއިން ކުރި އެންމެން ވަޒީފާއިން ވަކި ކުރިޔަސް، މި ސަރުކާރު ގެންނަން މަސައްކަތް ކުރި އެންމެންނަށް ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ވެރިކަމަށް ގެންނަން ބުރަކޮށް މަސައްކަތް ކުރި މީހުން އެބަތތިބި ކަމަށާއި، ވަޒީފާ ނެތުމުން އެ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށެވެ.

ރޮޒޭނާ އެހެން ވިދާޅުވިއިރު، އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރި އެންމެންނަށް ސަރުކާރުގެ ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއެކު އެމްޑީޕީއަށް ބައެއް މީހުން ފާޑު ކިޔުންތައް އަމާޒު ކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީގެ ބައެއް މީހުން މީސްމީޑިއާގައި ބުނެފައިވަނީ އެ ފަރާތްތަކުން ބޭނުންވަނީ ވަޒީފާ ނޫން ކަމަށާއި، ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހުން ސަރުކާރުގެ އިސް މަގާމުތަކުން ދުރު ކުރުން ކަަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ރޮޒޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުގައި ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރެއްވި މީހުންނަށް މި ސަރުކާރުގެ ބޮޑެތި މަގާމުތަކެއް ލިބުމަކީ ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމަށެވެ.

ރޮޒޭނާ ވިދާޅުވީ މި ސަރުކާރު އުފެދުނީ ކޯލިޝަނަކުން ކަމަށާއި އެހެންކަމުން ވަޒީފާތައް ހަމަޖެއްސުން ފަދަ ކަންްކަން ނިންމާއިރު، ވެރިއަކަށް ހުންނަ ފަރާތަށް އުނދަގޫ ނިންމުންތައްވެސް ނިންމަންޖެހޭ ފަހަރު ދިމާވާނެ ކަމަށެވެ.

"ދެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ހުރިހާ އެންމެން، ކުރީގެ ސަރުކާރުގެ އެންމެން ކަނޑާލާފައި ވަޒީފާ ދިން ކަމުގައި ވިޔަސް އެއަށް ވުރެ ގިނަ މީހުން އެ ވެރިކަން ބަދަލު ކުރަން ނުކުމެ އުޅުނުކަން. މީގަ ދެން ހައްލަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، ވެގެންދާނީ އަޅުގަނޑުމެން، ރައީސުލްޖުމްހޫރިއްޔާވެސް އެ ވައުދުވެވަޑައިގެންނެވި ގޮތަށް ވަޒީފާތައް އުފެދިގެން ދިއުން. ހުރިހާ އެންމެންނަކީވެސް ކޮންމެ ގޮތެއް ވިޔަސް ހަމައެކަނި ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުންނެއް ނޫން. ރިސޯޓްތައް އުފެދޭ ވަރަަކަށް އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވަޒީފާތައް އުފެދިގެން އެބަދޭ" ރޮޒޭނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ފުޅާވެގެން ގޮސް، އިގުތިސާދީ ހަރަކާތް އިތުރު ވުމަކީ އޭގެ ޒާތުގައި ވަޒީފާ އުފެދޭނެ ކަމެއް ކަމަށެވެ. އަދި އިގުތިސާދު ފުޅާކޮށް، ވަޒީފާގެ ފުރުސަތު އިިތުރު ކޮށްދެއްވުމަކީ ރައީސްގެ ވައުދުފުޅުތައްކަންވެސް ފާހަގަކުރެއްވިއެވެ.

"އުއްމީދަކީ މި ފަސް އަހަރު ނިމިގެންދާއިރު އެކި ޕޮލިސީތައް ލާމެހިފައިވާ ގޮތުން، ނިމޭއިރު ވަޒީފާ ބޭނުން އެއްވެސް މީހަކަށް ނުލިބި ނެތުން. ބިދޭސީންގެ ކަންކަން ކޮންޓްރޯލް ވެގެންދާއިރުވެސް ވަޒީފާ ލިބޭނެ. މި ދައުރުގެ ފުރަތަމަ އަހަރު އަދި ނުނިމޭ. ފަސް އަހަރަށް ހެދި މެނިފެސްޓޯގައި ހިމެނޭ ކަންކަން މި ފަސް އަހަރުގެ ތެރޭގައި ފުރިހަމަވެގެންދާނެ ކަަމަށް އުއްމީދު ކުރަނީ." ރޮޒޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ފުރަތަމަ އަހަރު ތެރޭގައި ހާސިލް ނުކުރެވޭ ވަަރަށް، މި ސަރުކާރަށް ކަންކަން ކުރެވިއްޖެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟