ޝަހީދާ އަބްދުﷲ ސައީދު
އަނިޔާވެރި ގޮތްގޮތަށް މަރައިލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ސިޔާސީކޮށް، މަރުގެ ތުހުމަތު ވަކި މީހެއްގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ''ހަބަރަށްފަހު'' ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، ރާއްޖޭގައި އަނިޔާވެރިކޮށް ހިނގާ މަރުގެ މައްސަލަތައް ކުރިމަތިވާ ވަގުތު ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ސިޔާސީ ގޮތުން މީހެއްގެ ނަފުސު ކަތިލުމަށްޓަކައި ސިޔާސީ ގޮތުން ކުރިއަށް ދެވޭ ފަދަ ބޭބޭފުޅުންގެ ނަންތައް ގެނެސްގެން އެފަދަ ވާހަކަތައް ދައްކާ ކަމަށެވެ.
އެގޮތުން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައިވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން ވަކި ނާޖާއިޒު ފައިދާތަކެއް ނެގުމަށް ވާހަކަ ދައްކާފައިވާކަން އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.
ޑރ. އަފްރާޝީމް އަލީގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލުވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައިވެސް އެކަން ހިނގުމާއެކު ވަގުތުން ފެނިގެން ދިޔައީ އެކަން ކުރީ ވަކި މީހެއް ކަމަށް ބުނެ، ވަކި މީހެއްގެ ބޮލުގައި އެކަން އަޅުވަން މަސައްކަތްކުރިތަން ކަމަށް އޭނާ ވިދާޅުވިއެވެ.
''ޒިންމާދާރު ސިޔާސީ ޕާޓީއަކުން ވަރަށް ގިނަ ކަންތައްތައް ކުރައްވާނެ. ކުރައްވަންވެސް ޖެހޭނެ. އެކަމަކު ރައްޔިތުންނާ ގުޅުން ހުރި، ރައްޔިތުން ކަންބޮޑުވާ ފަދަ ބޮޑެތި ޖަރީމާތަކާ ގުޅުވައިގެން ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް އެފަދަ ވާހަކަތައް ދެއްކުމަކީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. ރިލްވާނުގެ މައްސަލަވެސް، ޔާމީން ރަޝީދުގެ މައްސަލަވެސް އަދި ޑރ. އަފްރާޝީމްގެ މައްސަލަވެސް ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ. މީދޫ އަނަސްގެ މައްސަލަވެސް ވަކި ބައެއްގެ ބޮލުގައި އެ އިލްޒާމު އަޅުވަން މަސައްކަތްކުރި. ނަމަވެސް އިއްޔެ ރިޔާސީ ކޮމިޝަނުން ހަމަ ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ ކުރިން ވާހަކަ ދެކެވުނު ގޮތާއި މުޅިން ހިލާފަށްކަން ދިޔައީ، އެ ބަދުނާމު އަޅުވަން ކުރިން މަސައްކަތްކުރި މީހުންނަށް އެ ބަދުނާމު ނެތްކަން ހާމަވި،'' އާދަމް ޝަރީފު ވިދާޅުވިއެވެ.
މަރުތައް ބަލައި ކޮމިޝަނުން ކުރި މަސައްކަތްތަކަށް ތައުރީފުކުރައްވައި އާދަމް ޝަރީފު ވިދާޅުވީ އެ ކޮމިޝަނުން ރިލުވާނާ ގުޅޭގޮތުން ހާމަކުރި މައުލޫމާތުތަކަކީ މީގެ ކުރިން ފުލުހުން ހޯދާފައިވާ މައުލޫމާތުތަކެއް ކަމަށެވެ. ނަމަވެސް ކަހީނަކު ގެނެސްގެން ރިލުވާނުގެ މައްސަލަ ވަކި ގޮތަކަށް އަނބުރާލަން ބޭފުޅަކު މަސައްކަތްކުރެއްވި ކަމަށް، ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ ރިލުވާނުގެ މަރުގެ މައްސަލައިގެ ތަހުގީގު ޑައިވާޓްކުރުމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާފައިވާކަމުގެ ހެކި ލިބިފައި އެބަ ހުރި ކަމަށާއި އަދި އެ މައްސަލަ ޑައިވާޓްކުރުމަށް މަސައްކަތް ކޮށްފައިވަނީ ކަހީނުންނާއި ފާލު ބަލާ މީހުން ބޭނުންކޮށްގެން ކަމަށް ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވުމާ ގުޅިގެންނެވެ.