ގިނަ އަދަދެއްގެ އާންމުން މޫދަށް އެރުމަށް ފަތާ ޓްރެކް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ގުޑް ވޯކްސް މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
ފަތާ ޓްރެކް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ގުޑް ވޯކްސްއާ ހަވާލުކުރުމަށް އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފެވެ. އަދި ގުޑް ވޯކްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ.
ފަތާ ޓްރެކް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ގުޑް ވޯކްސްއާ ހަވާލުކުރުމަށް އެ ކުންފުންނާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނީ އެއް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައެވެ.
ގިނަ އަދަދެއްގެ އާންމުންގެ އިތުރުން މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން އެތުލީޓުން ވެސް އެތަން ބޭނުންކުރެއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އާންމުންނާއި އެތުލީޓުން ފާހަގަކޮށްފައިވަނީ ޓްރެކްގައި ކުނި ގިނަވެ، ނަޖިސްވަމުންދާ ކަމުގެ ޝަކުވާތަކެވެ. އެކަމުގެ ސަބަބުން މީގެ ކުރިން ސްވިމިން އެސޯސިއޭޝަނުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަތާ ޓްރެކް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ގުޑް ވޯކްސްއާ ހަވާލުކުރުމުން އެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހެއްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.