އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ބަލަން ފަށައިިފި އެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ޝޫބާ ވިދާޅުވީ އެ މިނިސްޓްރީން އިސް ނަގައިގެން އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
ޝޫބާ ވިދާޅުވީ މި މައްސަލަ ބަލަމުން އަންނަކީ އެއްވެސް ފަރާތެއްގެ އިހުމާލެއް މިކަމުގައި ވޭތޯ ބެލުމުގެ ގޮތުންނެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ މިނިސްޓްރީން އަބަދުވެސް ބަލާ ކަމަށް ޝޫބާ ވިދާޅުވިއެވެ.
ހުރިހާ ހޮސްޕިޓަލަކުންވެސް ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލްގެ ރިކޯޑު މިނިސްޓްރީއާ ހިއްސާކުރެއްވުމުން މި ފަދަ މައްސަލައެއް ވާނަމަ އެކަން ހިނގިގޮތް ބަލައި އިހުމާލެއް ވޭތޯ އަބަދުވެސް މިނިސްޓްރީން ބަލާ ކަމަށް ޝޫބާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖާ ޝަރަފު ސާދަތު ވިދާޅުވީ ރޭ 12:30 ހާއިރު ހިނގި މިހާދިސާ ހިނގާފައިވަނީ އެއްވެސް ފަރާތެއްގެ އިހުމާލުންތޯ ބެލުމަށް މިނިސްޓްރީ އާއި ގުޅިގެން މައްސަަލަ ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ބަލާ ނިމުނުހާ އަވަހަކަށް މީޑިއާއާއި ތަފުސީލު ހިއްސާ ކުރައްވާނެ ކަމަށް ޝަރަފް ވިދާޅުވިއެވެ.
މި ހާދިސާގައި ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.