އައްޑޫ ސިޓީ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ އިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ބްރޭންޑް ރިކޮގްނިޝަންއެއްގެ ގޮތުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ތަނެއްގައި ޓާޝާރީ ހޮސްޕިޓަލް ފެންވަރުގައި ތަރައްގީ ކުރެވިގެންދާ ފުރަތަމަ ހޮސްޕިޓަލް ކަމަށެވެ. ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އާބާދީއަކަށް އެ ހޮސްޕިޓަލުން ހިދުމަތްލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި ހޮސްޕިޓަލުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ސިއްހީގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ގައުމަކަށް ހެދުމަށް، ހަމަހަމަކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު، ފަސޭހައިން ރައްޔިތުންނަށް ވާސިލުވެވޭ ފުރިހަމަ ސިއްހީ ހިދުމަތެއް އެންމެންގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އައްޑޫ އީކޮއަޓޯރިއަލް ހޮސްޕިޓަލަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާނެ ހޮސްޕިޓަލެއް ކަމަށާއި އެހެންކަމުން އެ ހޮސްޕިޓަލަކީ މީހުންނަށް ރައްޓެހި، ދެކިފަރިތަ ތަނަކަށް ވާންޖެހޭނެކަން ފާހަގަކޮށް އެ އިއުލާނުގައި ބުނީ އެ ހޮސްޕިޓަލގެ މޫނުމަތީގެ ގޮތުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
ލޯގޯ ތައްޔާރުކޮއްފައިވަނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެ ކަމަށާއި ލޯގޯތަކަށް އިންސާފު ކުރާނީ، އެކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުން ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައި ބުނެފައިވަނީ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުން އެކަން އަންގާނެ ކަމަށާއި އެއްވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަކަށް 10،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށެވެ. އަދި އެއްވަނައަށް ހޮވޭ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް އީކުއަޓޯރިއަލް ހޮސްޕިޓަލާ ހަވާލުކުރަންވާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
ލޯގޯގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީޑީ އާއި ހާޑްކޮޕީ ހުށަހަޅަންޖެހޭނީ މިމަހުގެ 19 ގެ ކުރިންނެވެ.
އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މަސައްކަތް ނިންމައި، ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
އައްޑޫ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތެކެވެ.