ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމައިފި

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމައި، ރައީސް އޮފީހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް އެކަން އަންގަވައިފިއެވެ.

ރައީސް އޮފީހުން ހެލްތު މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ހިތަދޫގައި އަލަށް އިމާރާތްކުރާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއް ކަމުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އެ ހޮސްޕިޓަލަށް ބަދަލުކޮށް ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެތަނުގެ މުދަލާއި އެހެނިހެން ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ 171 މިލިއަން ރުފިޔާގެ ލޯނެއްގެ އެހީގައި ހަދާފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ. އަދި އެ ހޮސްޕިޓަލް ވެގެންދާނީ ރާއްޖޭގައި ސަރުކާރުން ހުޅުވާ ދެވަނަ ޓާޝަރީ ހޮސްޕިޓަލަށެވެ.

އެ ހޮސްޕިޓަލް ކުރިން ހުޅުވަން ހަމަޖައްސާފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެ ތާރީހަށް ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނުނިމުމުން ދެން ހޮސްޕިޓަލު ހުޅުވައި ހިދުމަތް ދޭނެ ކަމަށް ބުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ބައެއް ތައްޔާރީތައް ނުނިމިގެން އެ ތާރީހަށް ވެސް ހޮސްޕިޓަލުގެ ހިދުމަތް ދޭން ފަށާފައެއް ނުވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ހެދި އައްޑޫގެ ކޮންވެންޝަން ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 14، 2016 ގައި ހަވާލުކުރީ އެލިއާއާއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވިގެންދާއިރު، އެތަނުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއަކާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ފިޒިއޮތެރަޕީ ޑިޕާޓްމަންޓާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފައެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް އެ ހޮސްޕިޓަލުގައި ހަދާފައިވާއިރު، ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ހިދުމަތް ލިބޭނެއެވެ.