މިއަދުން ފެށިގެން މި މަހުގެ ހަޔަކަށް ކުރިއަށްގެންދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމެޓީގެ 72 ވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާއި އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަހައްދުގެ 11 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅައި ސަރަހައްދުގެ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ މުހިންމު "ގަވަރނަންސް" ބައްދަލުވުމެއް ކަމުގައި ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަހަރުގެ ރީޖަނަލް ކޮމެޓީގައި ސިއްހީ ދާއިރާއަށް ކުރިމަތިވާ އިމަޖެންސީ ހާލަތްތަކާއި އެކަންކަމަށް ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަހައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންގެ ހާއްސަ ވަށްމޭޒު ބައްދަލުވުމެއް މިމަހު ތެރޭގައި ކުރިއަށް ގެންދާނެ ކަމުގައެވެ.
މިބައްދަލުވުމުގައި ސަރަހައްދީ ގައުމުތަކުން ހޯދާފައިވާ އާންމު ސިއްހަތުގެ ކާމިޔާބީތައް ފާހަގަ ކުރެވިގެންދާނެކަމަށާއި މިއާއެކު މިސަރަހައްދަށް ހާއްސަ ސިއްހީ މައްސަލަތަކާއި ގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި ގައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖައްސާފައިކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެގޮތުން ޓީބީ ނައްތާލުމަށް ގައުމުތަކުގެ މެދުގައި ކުރެވެމުން އަންނަ މަސައްކަތާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްހަތަށް ކުރާ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ފެންވަރުގައިހެދިފައިވާ އެކްޝަން ޕްލޭނާއި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދުނިޔެއިން ނައްތާލުމަށް ގައުމުތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ސިއްހީ ދާއިރާއިން ކުރާ މަސައްކަތްތަކާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރާނެކަމަށް ހެލްތު މިނސިްޓްރީން މައުލޫމާތުދެއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީ އަދި އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް މިސަރަހައްދުގެ ގައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.