އެތައް ދުވަހެއް ވަންދެން ހުއްޓާލާފައި އޮތް 80ގެ އަހަރު ތަކުގައި އެންމެ ހިޓް އަންހެން ބޭންޑް، ސްޕައިސް ގާލްސްގެ ކަމްބެކް އިއްޔެ ރަސްމީކޮށް ލޯންޗުކޮށް ފުރަތަމަ ޓުއާ މިއަންނަ އަހަރުގެ ޖޫން މަހު އޮންނާނެކަން އިއުލާންކޮށްފިއެވެ.
ޔޫކޭ ގެ ހަ ސްޓޭޑިއަމެއްގައި ސްޕައިސް ގާލްސްގެ ކަމްބެކް ޝޯތައް ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ޓިކެޓް މި އަންނަ އާދިއްތަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ.
މިފަހަރު ބޭންޑްގެ ކަމްބެކް ޝޯތަކުގައި ވިކްޓޯރިއާ ބެކަމް އަމަލީ ގޮތުން ލަވަ ޕާފޯމް ކުރާތަން ނުފެނުނަސް، ވިކްޓޯރިޔާގެ ބައެއް ލިރިކްސް ތައް ވަނީ ޝޯތަކުގައި ކުޅޭ ގޮތަށް ހަމަޖެހިފައެވެ. އަދި ބޭންޑްގެ ޝެއާ ހޯލްޑަރެއްގެ ހައިސިއްޔަތުން ވިކްޓޯރިޔާއަށް ބޭންޑެން ލިބޭ ފައިދާ ލިބިގެންދާނެއެވެ.
މަލްޓި މިލިއަން ޕައުންޑްގެ ފެޝަން ލޭބަލް އެއް ގެންގުޅޭ ވިކްޓޯރިޔާ ނުލައި ސްޕައިސް ގާލްސްގެ ޝޯތައް އިއުލާން ކޮށްފައި ވާއިރު ވިކްޓޯރިއާ ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވާގޮތުގައި އޭނާއަށް ޓުއާގައި ބައިވެރި ނުވެވެނީ "ވިޔަފާރި ކޮމިޓްމަންޓްސް" ތަކާ ހެދިއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސްޕައިސް ގާލްސް އަކީ އޭނާއަށް ވަރަށް މުހިއްމު ބޭންޑެކެވެ. އޭނާ އުއްމީދު ކުރަނީ ބޭންޑުގެ ދެންތިބި ތަރިން ޓުއާގައި މަޖާކޮށް ކާމިޔާބު ޓުއާއަކަށް ހެދުން ކަމަށެވެ. މީގެ އިތުރުން ވިކްޓޯރިއާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ވެސް ޓީމަށް ތައުރީފުކޮށް ޕޯސްޓް ކޮށްފައެވެ.
ވިކްޓޯރިއާ މިހެން ބުނެފައިވީ ކަމުގައި ވިއަސް ބޭންޑުގެ އެހެން ތަރިން އަދިވެސް އުންމީދު ކުރަނީ ބައެއް ޝޯތަކަށް ނަމަވެސް ވިކްޓޯރިއާ އަންނާނެކަމަށެވެ.