ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައިވަނީ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދީނީ ހަރުކަށި ފިކުރު އެކުލެވޭ އަލްގައިދާގެ ގޮތްޕެއް ކަމަށްވާ ޖަބްހަތުއް ނުސްރާ ރާއްޖޭގައި ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ވިދާޅުވެ އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ޑރ. އިޔާޒު ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުނގެނުނަ ނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށް ލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމުގައެވެ. އަދި މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިބުރަތް ހާސިލްކުރެއްވުން ރަނގަޅު ކަންތައްތަކެއް ކަމުގައި ވެސް ޑރ. އިޔާޒު ވިދާޅުވި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ، ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލުމުގައި ފަހަތުގައި ތިބީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ކަމަށެވެ. އަދި އެ ގަތުލު އާންމާއި ރާއްޖޭގައި މި ފަހުން ހިންގާފައިވާ އެހެން ބައެއް ގަތުލު އާންމު ހިިންގުމުގެ ފަހަތުގައި ތިބީ، އަލްގައިދާއަށް ނިސްބަތްވާ ރާއްޖޭގެ ގޮފީގެ މީހުން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި އެ ޖަމާއަތުގެ ހަރަކާތްތައް ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ކަމަށާއި އެކި ކަހަލަ ކުށްތައް ކުރުމުގައި އެމީހުންގެ ބައިވެރިވުން ބޮޑުކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.