ނަރެންދްރާ މޯދީ

މޯދީގެ އެޑްވާންސް ޓީމު ރާއްޖޭގައި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އެޑްވާންސް ޓީމު ރާއްޖެއަށް އަތުވެއްޖެ އެވެ.

"ވަން އޮންލައިން" އަށް ކަށަވަރު ވެފައިވާ ގޮތުގައި މޯދީގެ އެޑްވާންސް ޓީމު ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެމީހުން ތިބީ ކުޑަބަނޑޮހުގަ އެވެ. މޯދީގެ އެޑްވާންސް ޓީމު އިއްޔެ ރާއްޖެ އައިސްފައިވާ އިރު އެމަނިކުފާނުގެ ސީކްރެޓް ސާވިސެސް ގެ ޓީމެއް ވެސް މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެ އައިސްފައިވާކަން ވަންއަށް ވަނީ އެނގިފަ އެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދި އޮތް ގޮތުން ނަމަ މޯދީ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ނުވަތަ 16ގަ އެވެ. ފުރުއްވާނީ 18ގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޯދީ މިހާރު ވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަން ނިންމަވައިފަ އެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ވެސް އިތުރު ގައުމު ތަކުގެ ވެރީންނާއި ސީނިއަރ ޑެލިގޭޓުން އެ ރަސްމިއްޔާތަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. އެތަނަށް 11000 އަށް ވުރެ ގިނަ މީހުންނަށް ވަދެވޭނެ އެވެ. އެހެން ނަމަވެސް އެ ރަސްމިއްޔާތަށް ވަދެވޭނީ ދައުވަތު އަރުވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެމްޑީޕީން އިއްޔެ ވަނީ ބުނެފަ އެވެ.