އިބްރާހިމް ޒަކީ
ކަނޑު ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު، މަޖިލީހަށް ފޮނުއްވި މި ގަރާރަކީ، ކަނޑު ދަތުރު ކުރުމުގައި ސަލާމަތީ ރައްކާތެރިކަމަށް ކޮންމެހެން ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގަމުންދާ ހިތާމަވެރި ހާދިސާތަށް މަދު ކުރުމަށްޓަކައި ހުށަހަޅުއްވާ ގަރާރެކެވެ.
އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުުގެ ލީޑަރު ފޮނުއްވި މި ގަރާރުގައި ވަނީ ދަތުރު ކުރުމުގައި ބޭނުންކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަންވާ ވަރަށް ނުބެލުމާއި، ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ދޭ ލަފައާއި އިރުޝާދާއި އިންޒާރަށް ނުބަލައި ދަތުރު ކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި މުދަލާއި އުޅަނދު ފަހަރު ޣަރަގުވުންފަދަ ހިތާމަވެރި ކަންކަން ހިނގާފައިވާ ކަމަށެވެ.
"ހާއްސަ ގޮތެއްގައި 29 އޯގަސްޓް ވީ ބުރާސްފަތި ދުވަހު ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރުކުރި ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރޭގައި ހިމެނޭ ނޮޅިވަރަންފަރުގެ ފަހުރުވެރި މުދައްރިސް ހުސެއިން އަބުދުﷲ ގެ ދެކަނބަލުންނާއި އަންހެން ދަރިކަނބަލުން ފާތިމަތު ގުރެއިޝާ އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު އީރާ ހަސަން ޝިފާޒާއި އެރަށު ވީނަސް އައިޝަތު އަލީ ޣަރަގުވުމުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް،" ކަން ގަރާރުގައި ފާހަގަ ކުރައްވާފައިވެއެވެ.
ރާއްޖޭގެ ކަނޑު ދަތުރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރައްކާތެރި ވުމުގެ ގޮތުން އޮޑިވެރިންނާއި ދަތުރުކުރާ އެންމެހާ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުމަށް މި ގަރާރުގައި ވަނީ އިލްތިމާސްކޮށްފައެވެ.
އަަދި ކަނޑު ދަތުރު ކުރުމާބެހޭ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ދަތުރު ކުރާއިރު އަބަދުވެސް ލައިފްޖެކެޓްއެޅުން ލާޒިމު ކުރުމަށާއި "ރީނދޫ އިންޒާރު" ނެރެފައި ވަނިކޮށް ދަތުރުކުރެވޭނެ ހާލަތްތައް ވެސް ބަޔާންކުރަން ވަނީ ހުށަހަޅައިފަ އެވެ.