ކުއްލި ޚަބަރު

ރާއްޖޭގައި ކުރިޔަށްދާ އޭޝިއަން ސްޕީކާސް ސަމިޓުގައި އިންޑިއާއާއި ޕާކިސްތާނުގެ މައްސަލަ ހޫނުވެ ޒުވާބުކުރަނީ

މަރިޔަމް ޝަހުދާ

މިއަދު ރާއްޖޭގައި ފެށިގެން ކުރިއަށްދާ ހަތަރު ވަނަ ސައުތު އޭޝިއަން ސްޕީކާސް ސަމިޓުގައި އިންޑިއާއާއި ޕާކިސްތާނުގެ މައްސަލަ ހޫނުވެ ޒުވާބަކަށް ހިނގައްޖެއެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަ ހޫނުވެ ޒުވާބަކަށް ގޮސްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.

ފުރަތަމަ، މައްސަލަ ހޫނުވީ ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު، މުހައްމަދު ގާސިމް ޚާން ސޫރީ މިއަދުގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ފަލަސްތީނު، ރޮހިންޔާ އަދި ކަޝްމީރުގެ މުސްލިމުންނަށް ޖެހިފައިވާ ހާލަތު ނުފެންނަ ކަމަކަށް ނެހެދޭނެ ކަމަށް ބުނުމުންނެވެ. އެއާއެކު މަޖިލީހު ތަޅުމުގައި އަޑުގަދަވެ، އިންޑިއާއިން މި ސަމިޓުގައި ބައިވެރިވި ބޭފުޅުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

ގާސިމްގެ ތަގުރީރުގައި، ދުނިޔޭގައި ދެބައެއްގެ ދެމެދުގައި ހިޔާލުތަފާތު ވާ ހިނދު އަމާންކަން ނޯންނާނެކަން ފާހަގަ ކުރެއްވިއެވެ. އެހީއަށް ބޭނުންޖެހިފައިވާ ކުޑަކުދިންނާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުނުކޮށްދެވޭ ބަޔަކަށް އެބައެއްގެ އަމަލުތަކަކީ ހުސް ރަނގަޅު ކަންކަމަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ހަމަހަމަ ކަމަށް މަސައްކަތް ކުރަން ޖެހޭކަމަށާއި ހުރިހާ ތަނެއްގައިވެސް އިންސާފަށް އޮތް ނުރައްކާ ބޮޑު ކަމަށާއި، އިންސާފާއި އަމަން އަމާންކަން ގާއިމު ކުރަން ބޭނުންނަމަ ފަލަސްތީނު، ރޮހިންޔާ އަދި ކަޝްމީރުގެ މުސްލިމުންނަށް ޖެހިފައިވާ ހާލު ނުފެންނަ ކަމަށް ނެހެދޭނެ ކަމަށެވެ.

މިއާއެކުު އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަގާފައެވެ. ނަމަވެސް ގާސިމްގެ ވާހަކަ މެދު ނުކަނޑައި ކުރިއަށް ގެންދަވާތީ، މަޖިލީހުގެ ރައީސް ނަޝީދު، ވަނީ ގާސިމްގެ ވާހަކަ މެދުކަނޑާލައްވައި ނިޒާމީ ނުކުތާ ނެންގެވުމުގެ ފުރުސަތު އިންޑިއާއަށް ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

އިންޑިއާއަށް ނިޒާމީ ނުކުތާ ނަންގަވައި، ވާހަކަ ދައްކަވަމުން ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވީ ޕާކިސްތާނުން ވާހަކަ ދައްކަނީ އިންޑިއާގެ ދާހިލީ މައްސަލައެއްގައި ކަމަށާއި އެހެން ކަމުން އެވާހަކަ ނުދެއްކެވުމަށެވެ. އަދި ޕާކިސްތާނުން ވާހަކަ ދައްކަވަނީ ސަމިޓުގެ މައުލޫއާއި ނުގުޅޭ ކަމަކާއި ގުޅޭ ގޮތުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މި ސަމިޓަކީ އެސްޑީޖީ ގޯލްސް (ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް) މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ސަމިޓެއް ކަމަށާއި، ޕާކިސްތާނުން ދެއްކެވި ވާހަކަ ރިކޯޑުން ފޮހެލުމަށް ވެސް ބިރްލާ ވިދާޅުވިއެވެ.

އެއާއެކު ޕާކިސްތާނުގެ ސެނެޓުން ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ އެސްޑީޖީ ގެ އެއްވެސް ލަނޑުދަނޑިއެއް އިންސާނީ ހައްގުތަކާ ނުލައި ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އޭނާ ވަނީ މި ލަނޑުދަނޑިތައް ހާސިލްކޮށްދޭނެ ބަޔަކު ނެތް ނަމަ މިއީ ހަމައެކަނި ވަކި ބިން ތަކަކަށް ހާސިލްކޮށްދޭ ލަނޑުދަނޑިތަކެއްތޯ ސުވާލު އުފައްދައިފައެވެ. ކަޝްމީރުގައި ހިންގަމުން އަންނަ ކަންކަމަކީ އެސްޑީޖީ ލަނޑުދަނޑިތަކާ ގުޅުން ހުރި ކަންކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެއާއެކު އިންޑިއާއިން ވަނީ އެކަމާ ދެކޮޅު ހަދައި އަނެއްކާވެސް ނިޒާމީ ނުކުތާއެއް ނެގުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ދެބޭފުޅުންގެ ވާހަކަ މަޑުޖައްސަވައިލެއްވުމަށް އެދިވަޑައިގެން ނަޝީދު ވަނީ ގާސިމްގެ ވާހަކަފުޅު ނިންމެވުމަށް އޭނާއަށް ފުރުސަތު އަރުވައިފައެވެ.

ގާސިމްގެ ވާހަކަ ނިންމަވައިލެއްވުލުމުން އިންޑިއާއިން އަނެއްކާވެސް ވަނީ ނިޒާމީ ނުކުތާ ނަގައިފައެވެ. ނިޒާމީ ނުކުތާ ނަންގަވައި ބިރްލާ ވިދާޅުވީ ޕާކިސްތާނަކީ ގަތުލު އާންމަކަށް ފަހު އިންޑިއާއާއި ވަކިވެފައިވާ ގައުމެއްކަމަށެވެ. އަދި ޕާކިސްތާނަކީ އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކޭ ފެންވަރުގެ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިރް؛ާގެ އެވާހަކަތަކާ ގުޅިގެން ޕާކިސްތާނުން ވަނީ ޕާކިސްތާނަކީ ޓެރަރިޒަމް ފަތުރާ ގައުމެއް ނޫންކަމަށް ބުނެ އަޑު އުފުލާފައެވެ. އަދި ޕާކިސްތާނާއި ގުޅުވައި އިންޑިއާއަށް އެފަދައިން ވާހަކަ ދައްކަން ފުރުސަތު ދެވެނީ ކީއްވެތޯ ވެސް ޕާކިސްތާނުން ވަނީ ސުވާލު އުފައްދާފައެވެ. އެއާއެކު ދެގައުމުގެ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރާން ފެށުމުން، މަޖިލީހުގެ ތަޅުމުގައި އަޑުގަދަވެގެން ދިޔައެވެ.

ދެގައުމު ދެމެދު ވެވުނު ބަހުސް ކޮންޓްރޯލް ކުރުމަށް ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ. ނަޝީދު ވަނީ ނިޒާމީ ނުކުތާއަކަށް ނިޒާމީ ނުކުތާއެއް ނުނެންގެވޭނެ ކަމަށާއި، އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޭރުވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދެފަރާތުގެ ބޭފުޅުން އިށީނދެވަޑައިގަތުމަށް އެދިވަޑައިގެން މެންދުރުގެ ފަރީއްކޮޅަށް ސަމިޓް މެދުކަނޑައިލައްވައިފަ އެވެ.