ސިޔާސީ

ވަޒީފާތަކަކީ ޕާޓީތަކުގެ މިލްކެއް ނޫން: ރީކޯ މޫސަ

ފަތޯނާ ފާއިޒު

ވަޒީފާތަކަކީ ޕާޓީތަކުގެ ވެރިންގެ މިލްކެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެންމެންނަށް ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ. އިއްޔެ ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ބޭއްވި އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރި އެންމެންނަށް ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް، އެމީހަކަށް ގޮތް ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ރައްދުވި ފާޑުކިޔުންތަކާ ގުޅިގެން މިއަދު އެމަނިކުފާނު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދަންނަވަން އުޅުއްވި ނުކުތާ އަކީ އެންމެންނަށް ވަޒީފާ ހަމަޖައްސައި ދިނުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަކޮށްދެއްވުން ކަމަށެވެ.

އަދި ވަޒީފާއެއް ހަމަޖައްސައިދޭނަމަ، އެއީ ސިޔާސަތުތައް ހިންގައިގެން އުފައްދާ ދެމެހެއްޓެނިވި ވަޒީފާއަކަށް ވާންޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓް

ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓް

ވަޒީފާ ތަކަކީ ޕާޓީތަކުގެ މިލްކެއް ނޫން ކަމަށް މޫސަ ވިދާޅުވިއިރު، މި ސަރުކާރުގައި ހިމެނޭ ކޯލިޝަންގެ ބައިވެރިންނަށް ސަރުކާރުގެ އިސް މަގާމުތަކެއް ދީފައިވެއެވެ. އެގޮތުން ކެބިނެޓުގައި 20 ބޭފުޅުން އެބަތިއްބެވިއެވެ.

ކެބިނެޓްގެ އިތުރުން، މިނިސްޓަރު ފެންވަރުގެ ނުވަ ބޭފުޅަކު އެބަތިއްބެވިއެވެ. ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 50 ބޭފުޅުންނާއި ނައިބު ފެންވަރުގެ 69 ބޭފުޅުން އެބަތިއްބެވިއެވެ.