އެންމެންނަށް ސަރުކާރުގެ ވަޒީފާއެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއެކު ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު، އެމަނިކުފާނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
ހުޅުމާލޭ ހުރަވީ ސްކޫލުގައި ބޭއްވި އެމްޑީޕީގެ އެންމެ ފުރަތަމަ ޔޫތު ކޮންގްރެސްގައި ބައިވެރިވެވަޑައިގެން، މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތްކުރި އެންމެންނަށް ސަރުކާރުން ވަޒީފާ ދީގެން ނުގެންގުޅެވޭނެ ކަމަށެވެ.
ސަރުކާރުން މިހާރު ވެސް މުވައްޒަފުންގެ މުސާރައަށް ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ބޮޑު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ތަރައްގީއަށް ކުރެވޭ ހޭދަ ކުޑަ ކަމަށެވެ. އެމަނިކުފާނު މިސާލަކަށް ނެންގެވީ ރާއްޖެއެކޭ އެއްފަދައިން ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑެވެ. ރައީސް ނަޝީދު ވިދާޅުވީ އެގައުމުގެ އާބާދީ ރާއްޖެއާ އެއްވަރު އިރު، އެމީހުންގެ ސިވިލް ސާވިސްގެ އަދަދަކީ 7،000 ކަމަށެވެ. އަދި ރާއްޖޭގައި އެ އަދަދު އުޅެނީ 32،000 ގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމްގެ ވެރިކަމުގައި އިދިކޮޅު އިއްތިހާދު ގުޅިގެން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ހަދައިގެން އުޅުނު ދުވަސްވަރު، އެ އިއްތިހާދުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.
ޑރ.ޖަމީލު އެމަނިކުފާނުގެ އިހްސާސްތައް ބަންޑުން ކޮށްލެވީ ޓުވީޓަކުންނެވެ.
"އިންސާފުވެރިކޮށް ވިސްނުމަކީ ވެރިކަން ގެނައުމަށް ގުރުބާންވެ، މަގުމަތީގައި ދިދަ ހިފައިގެން އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކޮށް، ޖަލަށް ގޮސް ގުރުބާންވި ފަރާތްތަކަށް އިސްކަން ދިނުން ނޫންތޯ؟ އެއްވެސް ކަމެއް ނުކުރާ ފަރާތްތަކަށް ބޮޑެތި މަގާމުތައް ލިބިފައި ނުވޭތޯ؟ މިއީވެސް ލަދުވެތިކަމެއް،" މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ޑރ.ޖަމީލު ވިދާޅުވިއެވެ.
ޑރ.ޖަމީލު އެހެން ވިދާޅުވި އިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ވަަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވިއެވެ. އެގޮތުން ކެބިނެޓުގައި 20 ބޭފުޅުން އެބަތިއްބެވިއެވެ. ކެބިނެޓްގެ އިތުރުން، މިނިސްޓަރު ފެންވަރުގެ ނުވަ ބޭފުޅަކު އެބަތިއްބެވިއެވެ. ސްޓޭޓް މިނިސްޓަރުންގެ ލެވެލްގެ 50 ބޭފުޅުންނާއި ނައިބު ފެންވަރުގެ 69 ބޭފުޅުން އެބަތިއްބެވިއެވެ. އެބޭފުޅުންގެ މަހު މުސާރައަށް އެތައް ހަރަދެއް ކޮންމެ މަހަކު ދައުލަތުން ކުރެއެވެ.