ދުނިޔެ

ލަޔަން އެއާގެ ފްލައިޓު ވެއްޓުނު ސަބަބު ހާމަކޮށްފި

މުހައްމަދު އައުޒަމް

އިންޑޮނޭޝިއާގެ ޖަކާޓާއިން ބަންކާ ބެލިޓަންގް އައިލެންޑްސްގެ މައި ސިޓީ ޕަންގަލް ޕިނަންގްއަށް މިދިޔަމަހުގެ 29 ވަނަދުވަހު ދަތުރުކުރި ލަޔަން އެއާގެ ފްލައިޓު ނައްޓާލުމާއެކު ވެއްޓެން ދިމާވި ސަބަބު ހާމަކޮށްފިއެވެ.

189 މީހުންނާއިއެކު ދަތުރުކުރި ލަޔަން އެއާގެ ކަޅު ފޮށި ކަނޑުގެ އަޑިން ނަގައި ކުރި ތަހުގީގުން ހާމަވެފައިވަނީ ލަޔަން އެއާގެ ފްލައިޓު ވެއްޓެން ދިމާވީ ފްލައިޓުގެ ސްޕީޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކަމަށެވެ.

އިންޑޮނޭޝިއާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ކޮމިޓީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެކޮމިޓީގެ ޗެއާމަން ޓްޖަޖޮނޯ ބުނެފައިވަނީ ޖަކާޓާއިން ޕަންގަލް ޕިނަންގަށް ދަތުރުކުރުމުގެ ކުރިން ފްލައިޓު ދަތުރުކޮށްފައިވާ ބާލީ އިން ޖަކާޓާ ދަތުރުގައިވެސް އެރެޓިކް ސްޕީޑް އަދި އެލްޓިޓިއުޑް ސިސްޓަމްގައި މައްސަލަ ދިމާވެ ހައްލު ކޮށްފައިވާ ކަމަށެވެ.

ފްލައިޓުގެ ބްލެކް ބޮކްސްގެ ޑާޓާއިން ހާމަވިގޮތުގައި ލަޔަން އެއާގެ އެއާ ސްޕީޑް އިންޑިކޭޓަރުއި މައްސަލަތަކެއް ހުރިކަމަށާއި ބޯޓު ވެއްޓެން ދިމާވީ ސްޕީޑު ކޮންޓްރޯލް ނުވެ ކުއްލިޔަކަށް ދުވެލި ބާރުވެ ކޮންޓްރޯލް އިން ނެއްޓުމުން ކަމަށެވެ.

ބްލެކް ބޮކްސްގެ ޑާޓާ އިން ހާމަވިގޮތުގައި މީގެ ކުރިން ހަތަރު ފަހަރެއްގައި މި ފްލައިޓަށް މިމައްސަލަ ދިމާވެފައި ވެއެވެ. ޗެއާމަން ޓްޖަޖޮނޯ ވަނީ މިހާރު އިންޑޮނޭޝިއާގެ އިންވެސްޓިގޭޓަރުންނާއި ބޯއިންގ އަދި އެމެރިކާގެ ކަމާބެހޭ ތަޖުރިބާކާރުންގެ އެހީގައި އިތުރަށް ބްލެކް ބޮކްސް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

ލަޔަން އެއާގެ ބޯއިން 737 މެކްސް 8 ގެ ފްލައިޓް ދަތުރުތައް ފެށިތާ އަދި ވީ ދެމަހެވެ. އިންވެސްޓިގޭޓަރުން އަންނަނީ ފްލައިޓުގެ ހުރިހާ ލޮގްތަކެއް އެއްކޮށް، ކުރިން މި ފްލައިޓަށް ދިމާވެފައި ހުރި މައްސަލަތައް ހޯދައި އެއްވެސް އިހުމާލެއް ވެފައިވޭތޯ ބަލަމުންނެވެ.

ވެއްޓުނު ލަޔަން އެއާގެ ފްލައިޓުގެ ބައިތައް ކަނޑުގެ އަޑީގައި

ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފްލައިޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. ބައްދަލުވުމުގެ ޕެނަލްގައި ލަޔަން އެއާގެ ކޯ ފައުންޑަރުވެސް ބައިވެރިވެފައިވާއިރު އޭނާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. މިކަމުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކުން ނުރުހުން ފާޅުކުރަމުން ދިޔައެވެ. ނޫސްވެރިންގެ ބައްދަލުވުން ނިމުމާއެކު އޭނަ ވަނީ ހޯލު ދޫކޮށް ގޮސްފައެވެ.

ލަޔަން އެއާގެ ފްލައިޓު ކަނޑުގެ ލޮނުގަނޑުގައި ޖެހުމާ އެކު ބޯޓު ފަޅައިގެން ދިޔަކަމަށް ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ކޮމިޓީޗެއާމަން ޓްޖަޖޮނޯ ވަނީ ބުނެފައެވެ.