ކަނޑުދަތުރު ކުރުމުގައި އަމިއްލަ ފަރުދުންގެ ފެންވަރުގައި ނަގަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނުނަގާނަމަ ހިތާމަވެރި ހާދިސާތައް ހިނގުން ގާތް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް މުހައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް މުހައްމަދު ސަލީމް މިހެން ވިދާޅުވީ މިއަދު ހިނގި ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މި ހާދިސާގައި ދަތުރުކުރި ލޯންޗުން ދަތުރުކުރި އެއްވެސް ފަރާތެއް ތިބީ ލައިފް ޖެކެޓް އަޅައިގެން ނޫންކަން ފާހަގަކޮށް ދަތުރު ކުރުމުގައި ލައިފް ޖެކެޓް ފަދަ ސަލާމަތީ މުހިންމު އާލާތްތައް އަތުގައި ހުރުން އަދި ކަނޑު ކިިރިޔާވެސް ގަދަ ނަަމަ ލައިފް ޖެކެޓް ފަދަ ފްލޯޓިން ޑިވައިސްއެއް އަޅައިގެން ތިބުން ވަރަށް މުހިންމު ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ކިތަންމެ ކުޑަ ދަތުރަކަށް ނުކުތް ކަމުގައި ވިޔަސް ސަލާމަތީ ފިޔަވަޅުތައް ނޭޅިއްޖެ ނަމަ މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވެދާނެ ކަމަށެވެ. އަދި ލައިފް ސޭވިންގްއަށް ބޭނުންކުރާ ސާމާނުތައް ހަމައަށް ބަހައްޓައިގެން ދަތުރުކުރުމާއި އޭގެ ބޭނުން ފުރިހަމައަށް ހިފުމަށް ވެސް އޭނާ އލްތިމާސްކުރައްވާފައެވެ.
ލޯންޗު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ހަބަރު ލިބުނީ ލޯންޗުން ދަތުރުކުރި މީހަކު ފަތާފައި ހދ. ހަނިމާދުއަށް ގޮސް، މައުލޫމާތު ދިނުމުން ކަމަށާއި ހަމަ އެވަގުތު އެމްއެންޑީއެފް އިންހަރަކާތްތެރިވާން ފަށަފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
އެގޮތުން މި ހަފްތާގެ ތެރޭގައި އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މެޓް އޮފީހުން ގިނަ ސަރަހައްދުތަކަކަށް އެލާޓް ނެރެމުންދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް ނުބަލައި ދަތުރުކުރުމުން ހިތާމަވެރި ހާދިސާތައް ދިމާވުން އެކަށީގެންވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް 10 މީހުންނާއެކު މިއަދު 11:45 ހާއިރު ދަތުރުކުރި 23 ފޫޓުގެ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ވަނީ ފަސް މީހުން މަރުވެފައެވެ. "ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ތިން އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަ އަންހެން ކުއްޖެކެވެ. އޭގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. ކުޑަކުއްޖާގެ އުމުރަކީ ތިން އަހަރެވެ.
އެމްއެންޑިީއެފް އިން ބުނީ ކުރިއަށް އޮތްތާނގައިވެސް ސިފައިން ތިބޭނީ މިފަދަ ހާދިސާތަކަށް ތައްޔާރުވެ ކަމަށާއި ނަމަވެސް އާންމުން ސަލާމަތްތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.