މުހައްމަދު އައުޒަމް
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރިގޮތުން އަލުން ބެލޭނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ އިންސާފުވެރިނޫން ގޮތަކަށް ބަހާފައިވާ ފްލެޓުތަކުގެ މައްސަލަވެސް ބެލޭނެ ކަމަށެވެ.
"ދެން މިހާރު ފްލެޓުތަކާ ބެހޭގޮތުން މިގޮތަށް ކަންކުރަމުންގެންދަވާތީ ހަމަ ދަންނަވާލަން ބޭނުންވަނީ މިކަން ކުރިއަށްދާގޮތް އަދި މިކަން ކުރެވުނަސް މިކަން އަލުން ބެލޭނެ ކަމާއި އަދި މިދަންނަވާހެން އިންސާފުވެރި ނޫންގޮތަށް ބަހާފަހުރި ފްލެޓުތަކެއް ކަމަށްވަންޏާ އެ ފްލެޓުތަކުގެ މައްސަލަވެސް ބެލޭނެކަން،" މާރިޔާ ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކޮށްފައި ވަނީ ރަނގަޅަށް ބެލުމަށްފަހު އޭގެ ހައްގުވެރީންނަށް ކަމަށެވެ. މިފަހަރު ދޫކުރަން ނިންމި ފްލެޓުތަކުން 40،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށާއި އެހެންކަމުން އަލަން އިންތިޚާބުވާ ސަރުކާރުން، މި ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެ މީހުންނަށް ފްލެޓު ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެ ވާހަތަކާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރައްވަން ދިހަ ވަރަކަށް ދުވަހަށް ވެފައިވަނިކޮށް ފްލެޓުތައް ބަހާލުމަށްފަހު، އެ ފްލެޓުތަކާ ނުކުޅުމަށް މުއިއްޒު ވިދާޅުވެ ޖަހާ ސަކަރާތަކީ އެއްވެސް ބަޔަކަށް އޮޅިފަ އޮންނާނެ ކަމެއް ނޫން ކަމަށެވެ.
"ހަމަކުރީގެ ސިއްރު ލިސްޓެކޭ އެއްގޮތަށް ރައްޔިތުން ޝައްކުކުރޭ ވަކި ލިސްޓަކަށް ވަކިގޮތަކަށް ހަމަޖައްސަވައިގެން ކަންކަން ކުރައްވަނީކަން. އެހެންވީމަ އުސޫލުން ބޭރުން. އުސޫލާއި ހަމަޔާއި އިންސާފުން ބޭރުން ފްލެޓުތައް ބެހިފަ އޮތްކަމަށް ވަންޏާ އަޅުގަނޑުމެން ސަރުކާރާ ހަވާލުވެފަ އެކަން ބަލާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ،" މާރިޔާ ވިދާޅުވިއެވެ.