ކޯޗު ޒައިނުއްދީން ޒިދާންއާއެކު ރެއާލް މެޑްރިޑުގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބްރެޒިލްގެ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.
ސްޕެނިޝް ލަލީގާގައި ކުޅުނު ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގައި 1-1ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.
ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮއިންޓްތަކެއް ގެއްލުމުގެ ސަބަބުން މެޑްރިޑަށް މިސީޒަނަކީ ނާކާމިޔާބު ސީޒަނަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިދިޔަ ސީޒަނު ވެސް މެޑްރިޑަށް ވެގެންދިޔައީ ނާކާމިޔާބު ސީޒަނަކަށެވެ. ހޫލެން ލޮޕެޓެގުއީ އާއި ސެންޓިއާގޯ ސޮލާރީއަށް މިދިޔަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައިދެވިފައިނުވުމުން، އަނެއްކާވެސް މެޑްރިޑުން ވަނީ ޒިދާންއާ ޓީމު ހަވާލުކޮށްފައެވެ.
"ބެޓް ފެއާ"އަށް ދިން އިންޓަވިއުއެއްގައި ރިވާލްޑޯ ބުނީ މެޑްރިޑުން އަނެއްކާވެސް ލީޑު ހޯދުމަށް އެކްލަބުގެ ކޯޗަކަށް އަލުން ޒިދާން ގެނައުމުން ފުދޭނެ ކަމަށެވެ.
"އެންމެ ފަހުން ކުޅުނު ލަލީގާ މެޗުގައި ޕޮއިންޓްތަކެއް ގެއްލުމުން މެޑްރިޑް އަދި އެ ކްލަބުގެ ސަޕޯޓަރުން ނާއުންމީދު ވާކަށް ނުޖެހޭ. މިއީ އަދި ލީގުގެ ކުރީކޮޅު. ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ބަލިވެފައި. ނާއުންމީދު ވާން ޖެހޭނީ ޓީމަށް ކުރިއެރުންތަކެއް ނުހޯދޭ ނަމަ. ޒިދާން އެދަނީ ޓީމު ހަމައަކަށް އަޅުވަމުން. މެޑްރިޑުން ލަލީގާ އަދި ޗެމްޕިއަންސް ލީގު ހޯދުމަށް ވެސް ވާދަކުރާނެ. ޒިދާންއަށް މެޑްރިޑުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް އަހަރެން ގަބޫލުކުރަން،" އޭނާ ބުންޏެވެ.
ޓްރާންސްފާ މުއްދަތު ހަމަވުމުގެ ކުރިން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ބްރެޒިލް ތަރި ނޭމާ މެޑްރިޑާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ޓްރާންސްފާ ނިމިގެންދާނީ މެޑްރިޑުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ ޕީއެސްޖީއަށް ދިނުމުން ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ބްރެޒިލް ގައުމީ ޓީމާއެކު 2002ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ރިވާލްޑޯ ގަބޫލުކުރާ ގޮތުގައި ޒިދާންގެ ދަށުން ކުރިއެރުން ހޯދަން ވިނީޝިއަސް މެޑްރިޑުގައި މަޑުކުރަން ޖެހެއެވެ.