ސިޔާސީ

ޕީއެންސީ އުވާލުމުގެ އެއްވެސް މަޝްވަރާއެއް ނުކުރޭ: އާދަމް ޝަރީފު

ފަތޯނާ ފާއިޒު

1

ޕީޕަަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުވާލުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބް ރައީސް އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހިމެނޭ ގޮތަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންތަކެއް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަތުމުން، ޕީއެންސީ އުވާލަން މަސައްކަތްކުރާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފު "ވަން" އަށް ވިދާޅުވީ، ޕީއެންސީ ދޫކޮށް ބަޔަކު ދިޔަސް، ޕާޓީ އުވާލުމަށް ނިންމާފައިނުވާ ކަމަށާއި އެފަދަ ވާހަކަ އެއްވެސް ނުދެކެވޭ ކަމަށެވެ. އަދި ޕީޕީއެމްގެ ކޮންގުރެސް ވަރަށް އަވަހަށް ބާއްވަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ޕީއެންސީގެ މެމްބަރުންގެ ތެރެއިން ޕީޕީއެމްއާ ގުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފު މީގެ ކުރިން ވިދާޅުވެފައިވަނީ، އިދިކޮޅުގެ ގިނަ މެމްބަރުންތަކެއް ސަރުކާރާ ގުޅުމަކީ ސިޔާސީ ގޮތުން ޕާޓީން އިބްރަތް ހާސިލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެމަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ޕީއެންސީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމައި އެކަން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރަން ހުށަހެޅުމުން، އެކަމަށް ހުއްދަ ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟